ނިރުބަވެރި އިސްރާއީލުގެ ސިފައިން އިމާރާތަކުން ވައްޓާލި ފަލަސްތީނުގެ ޣައްޒާ މީހަކު ޝަހީދުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ޝަހީދު ކުރަމުންދާ މީހުންގެ އަަދަދުތައް ކޮންމެ ދުވަހަކުވެސް ދަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކުވެސް ނިރުބަވެރިން ޣައްޒާގެ އެތައް ބަޔަކު ލާއިންސާނީ އަނިޔާތައް ދީ، ޝަހީދު ކުރަމުންދާއިރު، މިކަން ހުއްޓުވޭނެ މަގެއް އަދި ނުފެނެއެވެ.

ޣައްްޒާގެ ހަބަރުތައް ގެނެސްދޭ ގުދުސް ނެޓްވޯކް އިން ރިޕޯޓްކޮށްފައިވާގޮތުގައި ހެބްރޯންގެ ދެކުނުގައި އޮންނަ އަލް ދަހިރިޔާ އަވަށަށް ނިސްބަތްވާ ފަލަސްތީނުގެ ޒުވާން މަސައްކަތްތެރިއެއް ކަމަށްވާ ރެބީ މަންސިޔާ މިއަދު ހެނދުނު ވަނީ ޝަހީދުކޮށްލާފައެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުން އޭނާ ޝަހީދުކޮށްލާފައި ވަނީ މަސައްކަތަށް ނިކުމެ އުޅެނިކޮށް އިސްރާއީލު ސިފައިން ފަހަތުން ގޮސް އަނިޔާ ކުރުމަށް ފަހުގައެވެ.

އޭނާގެ އާއިލާއިން ބުނި ގޮތުގައި މަންސިޔާ ހައްޔަރުކޮށް، ޖިސްމާނީ އަނިޔާކޮށް، އޭގެ ފަހުން އިސްރާއިލުގެ ސިފައިން ވަނީ އިމާރާތަކުން ވައްޓާލާފައެވެ.

ޣައްޒާގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 47 މީހަކު ޝަހީދުކޮށްލިއިރު، 61 މީހަކު ޒަހަމްކޮށްލާފައި ވެއެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ އަަދަދު ވަނީ 34،000 އަށްވުރެ މައްޗަށް އަރާފައެވެ.