ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ވިއްކުމާއި ގުޅިގެން ކުއްލި ފިޔަވަޅުތަކެއް ނޭޅުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ނުވަތަ ދުނިޔޭގެ ކޯޓުން ނިންމައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ނަސްލު ނައްތާލުމުގެ ގަތުލު އާންމެއް ހިންގާ ކަމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ މައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް ނިކަރާގުއާ އިން ދުނިޔޭގެ ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ކުރިއަށް ގޮސްފައިވަނީ އިއްޔެއެވެ.

އައިސީޖޭ އިން ނިކަރާގުއާ ގެ އެދުމާއި ދެކޮޅަށް ހުކުމް ކުރީ 15-1 ގެ ވޯޓަކުންނެވެ. ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ ނަވާފް ސަލާމް ވިދާޅުވީ މިއީ "ވަގުތީ ފިޔަވަޅުތައް އަޅައިދިނުމަށް ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ ބޭނުން ކުރަން ޖެހޭ ހާލަތެއް ނޫން،" ކަމަށެވެ.

ނަމަވެސް އެ މައްސަލަ ކޯޓުން އެއްކޮށް ބޭރުކޮށްލުމަށް ޖަރުމަނުން އެދުމުން ފަނޑިޔާރުން އެކަމަށް ރުހުން ދީފައެއް ނުވެއެވެ. ނިކަރާގުއާގެ މައްސަލައާއި ގުޅޭ ގޮތުން ދެ ފަރާތުގެ ވާހަކަތައް އަދިވެސް އެ ކޯޓުން އަޑުއަހާނެ ކަމަށް ކޯޓުން ބުނެފައި ވާއިރު، އެކަމަށް އެތައް މަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ސަލާމް ވިދާޅުވީ ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލަތާއި މެދު އެ ކޯޓުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ހަނގުރާމައެއް ކުރަމުންދާ ފަރާތަކަށް ފޯރުކޮށްދޭ ހަތިޔާރު، ބައިނަލް އަގުވާމީ ގާނޫނު ތަކާއި ހިލާފު ކަންކަން ކުރަން ބޭނުން ކުރުމުގެ ހިރާސް ނައްތާލުމަށް، އެފަދަ ހަތިޔާރު ފޯރުކޮށްދިނުމުގައި ބައިނަލް އަގުވާމީ ޒިންމާތަކުގެ މަތިން ހުރިހާ ގައުމުތަކަށް ހަނދާން ކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ކޯޓުން ދެކޭ ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.

ނިކަރާގުއާ އިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީދޭ އދ ގެ އެޖެންސީ، ޔޫއެންއާރްޑަބްލިއުއޭ (އަންރާ) އަށް ޖަރުމަނުން ދިނުން ހުއްޓާލާފައިވާ މާލީ އެހީތެރިކަން އަލުން ދޭން ފެށުމަށްވެސް ގޮވާލާފައެވެ.

ޖަރުމަނަކީ އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެއް ގައުމު ކަމުން، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޖަރުމަނުންވެސް ބައިވެރިވާ ކަމުގެ ތުހުމަތު ކޮށް ނިކަރާގުއާ އިން ޖަރުމަނާއި ދެކޮޅަށް ދުނިޔޭގެ ކޯޓަށް މައްސަލަ ހުށައެޅީ ނިމިދިޔަ އޭޕްރިލް މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ބަލައަމިއްލައަށް އަމިއްލަނަފްސަކަށް އަދަބުނުދެވޭނެ!

  2. ކަކުނިބޯ

    ޖަރުމަނުގައި ހުރި ބުރުމާގާސިމްގެ އިންވެސްޓްމަންޓްތަކާ ޑޮލަރ ތަށް ރާއްޖެގެނޭ ވަގްތުން ވަގްތަށް

    • Anonymous

      ބުރުމާ ގާސިމަކީ ނުސީދާ ގޮތެއްގައި ޔަހޫދީންނަށް އެހީވާ މީހެކެވެ. ބުރުމާގެ ފިހާރަތަކުން ތަކެތި ގަތުން ހުއްޓާލަންވީއެވެ.

  3. ކަކުނިބޯ1

    ޖަރުމަނުގައި ހުރި ބުރުމާގާސިމްގެ އިންވެސްޓްމަންޓްތަކާ ޑޮލަރ ތަށް ރާއްޖެގެނޭ ވަގްތުން ވަގްތަށް އަދި ބޭންކްއެކައުންޓްތަށް އިވާލާ ޖަރުމަނުގައިހުރި އަދި ގާސިމްގެ ރިސޯޓްތަކުގައޮހުރި ޖަރުމަނުބޭންގެ ކާޑްމެޝިންތަށްވެސް އަނބުރާ ހަވާލުކުރޭ