ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްއަށް އަރައިގަތުމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫގެ އަރިހުން އެދިއްޖެއެވެ.

ރަފަހްއަކީ ގާތްގަނޑަކަށް ހަތް މަސް ދުވަސް ވެފައިވާ ޣައްޒާގެ ގަތުލު އާންމުގެ ސަބަބުން ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ހިމާޔަތް ހޯދާފައިވާ ސަރަހައްދެވެ.

މިދިޔަ ހަފްތާ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ރަފަހް އަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ރަފަހް ސަރަހައްދުން އިސްރާއީލުގެ ކެރެމް ޝަލޯމްއަށް މިއަދު ވަނީ 10 ރޮކެޓް ހަމަލާއެއް ދީފައެވެ. މި ހަަމަލާގައި 10 މީހަކު ޒަހަމްވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތަރު މީހެއްގެ ހާލަތު ސީރިއަސްއެވެ.

މި ހަމަލާގެ ޒިންމާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިތަކުން ވަނީ ނަގާފައެވެ.

މި ހަމަލާއާ ގުޅިގެން މިނިސްޓަރު އިޓަމާރް ބެން-ގްވީރް ވަނީ "މިހާރު ރަފާއަށް ދިއުމަށް" ބޮޑުވަޒީރުގެ އަރިހުގައި އެދިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނީ ރަފަހް ސަރަހައްދުން ފޮނުވާލި ހަމާސްގެ ރޮކެޓް ހަމަލާތަކަށް ފަހު އިންސާނީ އެހީގެ ޓްރަކްތައް ޣައްޒާއަށް ވަންނަ ކެރެމް ޝަލޯމް ކްރޮސިން ބަންދުކޮށްފައިވާ ކަމަށެވެ.

ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްއަށް އެއްގަމު މަގުން ހަމަލާދީފިނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި، ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އެހީދޭ ގިނަ އިދާރާތަކާއި ގައުމުތަކުން ވަނީ ދީފައެވެ.

އިސްރާއީލުގެ މަގުސަދަކީ ހަމާސްގެ ބާކީ ތިބި ހަނގުރާމަވެރިން ނައްތާލުން ކަމަށް ބުނެ، ރަފަހް އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ފާއިތުވި އެތައް ހަފްތާ އަކުއްސުރެ އިސްރާއީލުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ތީ އިސްރާއީލުން އަމިއްލައަށް ހަދައިގެން އުޅޭ ޚަބަރެއް. ހުރިހާވެސް ބޭނުމަކީ ރަފަޙަށް އެރުން. ތީ ޔަހޫދީން ނަހަދާނެ ތެދެއް.