އިންޑިއާގައި ލޯބި ހުށަހެޅުމުން އެކަމަށް އިންކާރު ކުރި 21 އަހަރުގެ އަންހެނަކު ވަޅިން ހަމަލާދީ މަރާލައިފިއެވެ.

އަންޖަލީ ނަމަކަށް ކިޔާ އަންހެނަކު ދެކެ ލޯބިވާ ކަމަށް ބުނެ ރައްޓެހިވާން އެހުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ރަހުމުކުޑަ ގޮތަކަށް އަންޖަލީ މަރާލާފައި އޮތީ އޭނާގެ ގޭގައި އަންގާރަ ދުވަހު 5:45 ހާއިރެވެ. އޭނާ މަރުވަންދެން ވަޅި ހަރާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ އުމުރުން 23 އަހަރުގެ ވިޝްވާ އެލިޔާސް ގިރީޝް ސާވަންތުއެވެ. ގިރީޝް އަންޖަލީ މަރާލި މަންޒަރު އަންޖަލީގެ ކޮއްކޮއަށް ވަނީ ފެނިފައެވެ.

އަންޖަލީގެ ކޮއްކޮ ފުލުހުންނަށް ކިޔައިދިން ގޮތުގައި ގޭގެ ދޮރުގައި މީހަކު ޓަކި ޖެހުމުން އޭނާާ ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ގިރީޝް ވަނީ އޭނާއަށް ވަޅިން ހަމަލާ ދީފައެވެ. އަދި އަންޖަލީ މަރުވަންދެން ވަޅިން ހަމަލާދިނުމަށްފަހު އޭނާ ދުވެ ފިލީ ކަމަށް ބުނެފައިވެއެވެ. އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 302 ވަނަ މާއްދާގެ ދަށުން މަރުގެ މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ގިރީޝް ހައްޔަރުކުރުމަށް ޓީމްތަކެއް ވަނީ އެކުލަވާލާފައެވެ.

"ގިރިޝް އަންޖަލީއަށް އުނދަގޫ ކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އޭނާގެ ލޯބި ފާޅުކުރި ނަމަވެސް އަންޖަލީ އިންކާރު ކުރި. ކޮއްކޮއާ އެކު މައިސޫރުއަށް ދާން ވެސް ޕްރެޝަރު ކުރި. އޭނާއާ އެކު ނުދިޔަނަމަ ނޭހާއަށް ހެދިގޮތް ހަދާލާނެ ކަމަށް އިންޒާރު ވެސް ދީފައި އޮތީ.." އަންޖަލީގެ ކޮއްކޮ ޔަޝޯދާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ފުލުހުން ވަނީ އަންޖަލީއަށް އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަންދީފައެވެ.

ގިރީޝް ވަނީ މިދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ނޭހާ ހިރެމަތު ނަމަކަށް ކިޔާ އަންހެން ކުއްޖަކަށްވެސް ލޯބި ހުށަހަޅާފައެވެ. އޭނާގެ ލޯބި ގަބޫލު ނުކުރުމުން ހުއްބާލީގެ ކޮލެޖް ކެމްޕަހުގެ ތެރޭގައި ގިރީޝް ވަނީ ނޭހާއަށް ވަޅިން ހަމަލާދީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދުސަލީމް

    ގިރިޝް މީ އިންޑިއާގެ އެންމެ ބޮޑު އާޝިގް ދޯ، ފުރަތަމަ ފަހަރު ހައްޔަރު ނުކޮށް ދޫކޮށްފައި އެހުރީ

  2. ގިރިސް

    "ގިރީޝް ވަނީ މިދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ނޭހާ އަށްވެސް ވަޅިން ހަމަލާދީ މަރާލާފައެވެ." ގިރީޝް މަގުމަތީގަ އަދިވެސް އެ އުޅެލަނީ، ޔަގީނޭ އިންތިޚާބު ދުވަސްކޮޅުވީމަ ބީ.ޖޭ.ޕީ އަށް ތާއީދު ކުރީމަކަން! ނޫނޭވާ، ދިމިކުރާތީ ނިޒާމު މީ ފައްކާ އެއްޗެއް!