ސްރީލަންކާގައި އިންޑިއާގެ "ފޯނުޕޭ" ގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްފިއެވެ.

މި ހިދުމަތް އިފްތިތާހު ކުރީ އިންޑިއާ އިން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންތޯޝް ޖާ އާއި ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ (ސީބީއެސްއެލް) ގެ ގަވަރުނަރު ޑރ. ނަންދަލާލް ވީރަސިންހެއެވެ.

އަލަށް ތައާރަފްކުރެވުނު މި ހިދުމަތުގެ ސަބަބުން ޑިޖިޓަލް ޓްރާންސެކްޝަން ހަލުވިވެ، ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފައިދާވެ، ގައުމުތަކުގެ މެދުގައި ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުވެގެންދާނެއެވެ. މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ޔޫޕީއައި ސެޓްލްމަންޓްގެ ހިދުމަތް ލިބޭނެއެވެ. ލަންކާގައި ޔޫޕީއައިގެ ހިދުމަތް ތައާރަފްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ.

"މިއީ ގުޅުވައި ދިނުމުގެ އެޖެންޑާގެ ބައެއް. ޑިޖިޓަލް ޓްރާންސްފޯމޭޝަންތަކަކީ އިންޑިއާގައި މިހާރު ފެންނަމުން އަންނަ ބޮޑު ބަދަލެއް. އިންޑިއާ އަދި އަހަރުމެން ބޭނުން ވަނީ ސްރީލަންކާ އަށް ވެސް މިކަހަލަ ކަންކަން ގެނެސް ދޭން،" އިންޑިއާ ސަފީރު ވިދާޅުވިއެވެ.

ލަންކާގައި ޔޫޕީއައިގެ ހިދުމަތް، މޮރިޝަސްގައި ޔޫޕީއައި އާއި ރުޕޭ ކާޑުގެ ހިދުމަތް!

އޭނާ ވިދާޅުވީ މުސްތަގުބަލްގައި ލަންކާގައި ޔުނިކް ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓާއި ބްރޯޑާ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ޔޫޕީއައި ޕޭމަންޓް ސިސްޓަމަކީ މޮބައިލް ފޯނުތައް ބޭނުންކޮށްގެން ޓްރާންސެކްޝަންސް ހެދޭ ގޮތަށް 2016 ވަނަ އަހަރު ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ތައާރަފް ކުރި ހިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު