ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައިސީގެ އަނގޮޓިކޮޅު، ހެލިކޮޕްޓަރުގެ ބައިތަކުގެ ތެރެއިން ފެނިއްޖެއެވެ.

ރައީސީގެ އަނގޮޓިކޮޅު ފޮތިގަނޑެއްގެ ތެރޭގައި އޮޅާލާފައި އޮއްވައި ދައްކާލާ މަންޒަރުގެ ވީޑިއޯކޮޅެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. މި އަނގޮޓިކޮޅަކީ އިރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ފަރާތްޕުޅުން އިރާންގެ ރައީސް އަށް ދެއްވި އަގު ބޮޑު ހަދިޔާއެކެވެ.

އިރާންގެ ރޫހާނީ ލީޑަރާއި އިރާންގެ ރައީސަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ.

ރައިސީ ދަތުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އަޒަރްބައިޖާން ބޯޑަރު ސަރަހައްދުގައި ބޭއްވި ޑޭމެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ހެލިކޮޕްޓަރުގައި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ. ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވެ، ބޯ ދުންފުނީގެ ސަބަބުން ކަމަށްވެއެވެ. ރައިސީ ދަތުރުކުރެއްވި ބެލް 212 ގެ ހެލިކޮޕްޓަރު ވެއްޓިފައި އޮތް ތަން ހޯދީ ތުރުކީން ފޮނުވި ޑްރޯނެއް ބޭނުންކޮށްގެންނެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދިއުމަށް ރެސްކިއު ޓީމުތަކުން ވެސް 15 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތް ކުރަން ޖެހުނެވެ. އަދި ހެލިކޮޕްޓަރު ނުފެނިގެން ވެސް އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. ރެސްކިއު ޓީމުތަކުން އެ ސަރަހައްދަށް ދިޔައިރު، ހެލިކޮޕްޓަރުގެ ބޮޑު ބައި އޮތީ އަނދައި އަޅިއަށް ވެފައެވެ. އަދި އެ ސަރަހައްދުގައި ހެލިކޮޕްޓަރުން ދަތުރު ކުރި މީހުންގެ ހަށިގަނޑުތައް ވެސް ފެންނަން ހުއްޓެވެ.

އިރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރުގައި އެ ގައުމުގެ ސީނިއާ އިސް އޮފިޝަލުންތަކެއް އަވަހާރަވިއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުﷲ ހައިން އާއި ތަބްރީޒް ސިޓީގެ ހުކުރު ކުރައްވާ އިމާމު މުހައްމަދު އަލީ އަލް ހާޝިމް އައި އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހުމަތީ ހިމެނިވަޑައިގަންނަވައެވެ.

އަދި ޕްރެޒިޑެންޝިއަލް ގާޑްގެ ވެރިޔާ މުހައްމަދު މަހްދީ މޫސަވީ އާއި ހެލިކޮޕްޓަރުގެ ޕައިލެޓުން ކަމަށްވާ ކާނަލް މުހްސިން ދަރިޔަނުޝް އާއި ކާނަލް ސައިދު ތޯހިރު މުސްތަފާވީ އާއި ޓެކްނީޝަނެއް ކަމަށްވާ މޭޖާ ބެހްރޫޒް ގާދިމީ ވެސް ވަނީ މަރުވެފައެވެ. ރައީސްގެ ކޮންވޯއީގައި ދަތުރުކުރި އިތުރު ދެ ހެލިކޮޕްޓަރު ވަނީ ސަލާމަތުން އިރާންގައި ޖައްސައިފައެވެ.