އިއްޔެ ސުނާމީ އެރި، އިންޑޮނޭޝިއާގެ ޖަޒީރާ ރަށެއްކަމަށްވާ ސުލަވޭސީއަށް އަނެއްކާވެސް އިތުރު ބިންހެލުންތައް އަންނަމުންދާ ކަމަށް އިދާރާތަކުން ބުނެފިއެވެ. އެގޮތުން މިއަދު މިހާތަނަށް އިތުރު ހަތަރު ބިންހެލުން ސުލަވެސީއަށް އައިސްފައިވާ ކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މިއަދު ފުރަތަމަ ބިންހެލުމެއް ސުލަވޭސީއަށް އައީ މިއަދު ހެނދުނުގެ ވަގުތެއްގައި މެގްނިޓިއުޑް މިންގަނޑުން 4.9 ގެ ބާރުމިނުގައެވެ. އޭގެ ފަހުން މިއަދު މެންދުރުގެ ވަގުތެއްގައި މެގްނިޓިއުޑް މިންގަނޑުން 4.8 ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް ސުލަވޭސީއަށް އައިއިރު، ތިންވަނަ ބިންހެލުން އައީ މެންދުރު ފަހުގެ ވަގުތެއްގައި މެގްނިޓިއުޑް މިންގަނޑުން 5.1 ގެ ބާރުމިނުގައެވެ. އަދި އެންމެ ފަހުން އެރަށަށް ބިންހެލުން އައީ މީގެ އިރުކޮޅެއް ކުރިންނެވެ. އެ ބިންހެލުމުގެ ބާރުމިންވެސް 5.1 އަށް އަރައެވެ. މި ބިންހެލުންތަކުގެ ސަބަބުން ސުލަވޭސީއަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ.

އިއްޔެ އެކަނިވެސް މި ރަށަށް 20 އެއްހައި ބިންހެލުން އައިސްފައިވާއިރު، މެގްނިޓިއުޑް މިންގަނޑުން 7.4 ގެ ބާރުމިނުގައި އެރަށަށް އިއްޔެ މެންދުރު އައި ބިންހެލުމަކަށްފަހު ގެއްލުން ބޮޑު ސުނާމިއެއް އަރާފައިވެއެވެ. އުސްމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުރި އެ ސުނާމީގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 400 އަށް އަރާފައެވެ. 7.4 ގެ ބާރުމިނުގައި އިއްޔެ ސުލަވޭސީއަށް ބާރުގަދަ ބިންހެލުމެއް އައީ އޭގެ ކުރިންވެސް ކުދިކުދި ބިންހެލުންތައް ގިނަ ޢަދަދަކަށް އައުމަށްފަހުއެވެ.

އިއްޔެގެ ކާރިސާގައި ގިނަ މީހުން މަރުވެފައިވަނީ، ވެއްޓުނު އިމާރާތްތަކުގެ ދަށުވެ ތާށިވުމުން ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އިއްޔެ ސުނާމީ އެރި ވަގުތު ބައެއް މީހުން ނަގާފައިވާ ވޯޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ސުނާމީ އަރައިގެން އައި ވަގުތު އެޤައުމުގެ އައްސޭރީގައި ހުރި ބައެއް ތަންތަން ބިމާއި ހަމަކޮށްލި މަންޒަރު ފެނެއެވެ. މި ސުނާމީގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޑޮނޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

އިއްޔެގެ ބިންހެލުންތަކާއި ގުޅިގެން ސުލަވޭސީން ވަނީ މުވާސަލާތީ ޚިލދުމަތާއި ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައެވެ. މިކަމުގެ ސަބަބުން، އެހީތެރިވާ ޖަމާޢަތްތަކާއި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ރެސްކިއު ވޯކަރުންނަށްވެސް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

އިންޑޮނޭޝިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް އާދަޔާއި ޚިލާފަށް ގިނައިން މިއަހަރު ބިންހެލުންތައް އަންނަމުން ދެއެވެ. މިއީ ދުނިޔެ މިހާތަނަށް ނުދެކޭހައި ބާރުގަދަ ބިންހެލުމެއް އަންނާން އުޅޭކަމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ކުރިންވެސް ވަނީ ބުނެފައެވެ. އެ ބިންހެލުން އަންނާނީ ސީދާ ކޮން ސަރަޙައްދަކަށް ކަމެއް ހޯދިފައި ނެތްއިރު، އިންޑޮނޭޝިއާ ހިމެނޭ ސަރަޙައްދަކީވެސް އެފަދަ ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ހިސާބެކެވެ. ގެއްލުން ބޮޑު ބިންހެލުމަކަށްފަހު އާދަޔާއި ޚިލާފަށް ބޮޑު ސުނާމީއެއް އުފެދި މުޅި ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނަ މިންވަރަށް ގެއްލުން ލިބިގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.