އިންޑޮނޭޝިޔާގެ ޕާލޫއަށް އެރި ސުނާމީއާއި ޖެހި ޖެހިގެން އައި ބިންހެލުންތަކުގެ ސަބަބުން މިހާރު މަރުވި މީހުންގެ އަދަދުވަނީ 1,424 ކަށް އަރާފައެވެ. ސުނާމީ އެރިތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު، ސުނާމީގައި ގެއްލުނު މީހުންގެ މަސައްކަތް އަދިވެސްދަނީ އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ކުރަމުންނެވެ.

އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި މާދަމާވެސް މިމަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ. އަދި މާދަމައަށްފަހު އިމާރާތްތަކުގެ ދަށުވެފައިތިބި މީހުން ހޯދުމުގެ މަސައްކަތް ކުޑަކޮށް މަޑުޖައްސާލާނެ ކަމަށާއި، ބެލެވޭ ގޮތުގައި ދިރިތިބި މީހުން ފެނުމުގެ އުންމީދެއް ނެތް ކަމަށްވެސް އިންޑޮނޭޝިޔާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

އިންޑޮނޭޝިޔާގެ ޕާލޫއަށް ސުނާމީގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާއިރު، ގިނަ ބަޔަކުވަނީ ޕާލޫ ދޫކޮށް އެހެން ހިސާބުތަކަށް ދިއުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް ކާރިސާގައި ބޮޑަށް ގެއްލުން ލިބުނު ހިސާބުގައި ހުރީ އެންމެ އެއަރޕޯޓްއެއް ކަމުން މިކަމަށް ގިނަ ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެއަރޕޯޓްއަށް ސުނާމީ އަދި ބިންހެލުމުގައި ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، ސްކޭން ކުރާ ތަނާއި ޗެކްއިން ކައުންޓަރވަނީ މުޅިންހެން ހަލާކްވެފައެވެ. ނަމަވެސް ޕާލޫގެ މި އެއަރޕޯޓްގެ ޚިދުމަތް ދެމުން ދާ ކަމަށް އެޤައުމުގެ މީޑިޔާތަކުން ހާމަކުރެއެވެ. އެއީ ކާރިސާގައި ގެއްލުން ލިބިފައިވާ ހިސާބަށް ކާނާއާއި ބޯފެން ފޯރު ކޮށްދެވޭނެނީ އެއަރޕޯޓް އޮޕަޭޓްކޮށްގެން ކަމުގައިވާތީއެވެ.

އެއަރޕޯޓްގެ ޚިދުމަތް ދެމުން އަންނައިރު، ކާނާ ބަރުކޮށްގެން އަންނަ ޕްލައިޓްތަކުގައިދަނީ ފަސެންޖަރުން އުފުލުގެ މަސައްކަތްވެސް ކުރަމުންނެވެ. ނަމަވެސް ކިއޫ ދިގު ކަމުން، ބައެއް އާއިލާތަކުން އެއަރޕޯޓްގައި ތިބޭތާ 5 ދުވަހަށްވުރެެ ގިނަ ދުވަސް ވެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މިދިޔަ ހުކުރު ދުވަހު ރެކްޓަރ މިންގަޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާއިއެކު އުފެދުނު ސުނާމީގައި 66,000 އެއްހާ ދޮރުވަނީ ފަނާވެފައެވެ. އަދި މިހާދިސާގައި ގިނަ އަދަދެއް ކުޑަކުދިންނާއި އަންހެނުންވަނީ ކާނާއަށާއި ސާފު ފެނަށް ޖެހިފައެވެ. ކާނާއާއި ސާފުފެން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.