ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަން ފަހުން ޚަބަރެއް ނުވެ، ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ވަނީ ނައްތާލާފައި ކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ޚަޝޯމީގެ ހަށިގަނޑު ހޯދަން އިސްތަންބޫލްގެ ބޭރުން ގަސް ހެދި ވާބޯ ޖަންގައްޔެއްގެ ސަރަހައްދެއް ތުރުކީ ފުލުހުން ކޮނެފި ކަމަށް ދެންމެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ތުރުކީގެ ލޯކަލް މީޑިއާތަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި އިސްތަންބޫލްގެ ބޭރުން މަރަމަރާ ކަނޑުގެ އައްސޭރީގައި އޮންނަ އަވަށެއްގެ ވަލުތެރެއަށް ފުލުހުން ވަދެ ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ޚަޝޯގީ ގެއްލުނު ހާދިސާގެ ތަޙްޤީޤުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނާ ގޮތުގައި ޚަޝޯގީގެ ހަށިގަނޑު ވަލުތެރޭގައި ވަޅުލާފައި ވާނެ ކަމަށް ބެލެވެނީ ސީސީޓީވީ ފުޓޭޖްތަކުން މިހާރު ލިބިފައިވާ ހެކިތައް ދިރާސާ ކުރުމުންނެވެ.

ތަޚްޤީޤަށް މިހާރު ލިބެމުން އަންނަ ކުރިއެރުންތަކަށް ބެލުމަށް ފަހު މީޑިއާތަކުން ބުނާ ގޮތުގައި ސައުދީގެ ކޮންސިއުލޭޓްގައި ޚަޝޯގީ މަރާލުމަށް ފަހު ކުރިން ފެށިގެން ތައްޔާރުކޮށްފައި އޮތް ވެހިކަލަކަށް އޭނާގެ ހަށިގަނޑު އަރުވައިގެން ވަނީ އިސްތަންބޫލުން ބޭރަށް ގެންގޮސްފައެވެ.

ޚަޝޯގީގެ ހަށިގަނޑު ވަޅުލާފައި އޮތް ކަމަށް ލަފާކުރެވޭ ތަން ތުރުކީ ފުލުހުން ކޮނެ، އެސަރަހައްދު ފާސްކުރި ނަމަވެސް އެތަނުން އެއްވެސް ހެއްކެތް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެއްވެސް ފަރާތަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޚަޝޯގީގެ ހަށިގަނޑު ހޯދަން ކޮންނި ކަމަށް ބުނާ ސަރަހައްދު
ޚަޝޯގީގެ ހަށިގަނޑު ހޯދަން ކޮނުނު ކަމަށް ބުނާ ސަރަހައްދު

ޚަޝޯޤީ މަރާލުމާއި، ހަށިގަނޑު ނައްތާލުމުގެ ހުރިހާ ކަމެއް ކުރީ ޚަޝޯގީ ގެއްލުނު ދުވަހު ތުރުކީ އަށް ދިޔަ ކަމަށް ބުނާ ސައުދީ އަރަބިއްޔާގެ 15 މީހުންގެ ޓީމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމީހުން ތުރުކީއަށް ގޮސްފައި ވަނީ ދެ ޕްރައިވެޓް ޖެޓްގައި ކަމަށާއި ޚަޝޯގީ ގެއްލުނު ދުވަހު އެމީހުން އަނެއްކާ އެނބުރި ސައުދީ އަރަބިއްޔާ އަށް ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަޝޯގީ ގެއްލުމާއި ގުޅިގެން ތުރުކީ ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤާއި ގުޅޭ މައުލޫމާތެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ބައެއް މައުލޫމާތުތައް މިހާތަނަށް ވެސް ހާމަވެފައި ވަނީ ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލުންނާއި ހަވާލާދީއެވެ. އެހެންކަމުން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބޯ

    ބްރިފްކޭސް ތަކުގަ ގެންދިޔައީ ނޫންބާ ؟

  2. އަބޯ

    ޖެޓް ތައް ފުރައިގެން ދިޔަނުދީ ފާސް ނުކުރީ ކީއްވެ . މީހުން ފުރައިގެން ދިޔަ ދިނީ ކީއްވެ؟ ގެންދިޔަ ބްރިފްކޭސްތައް ކޮބާ ؟

  3. ރުޒާނާ ޗޮއްޕަޓު

    ތި ނޫސްވެރިޔާގެ މަޢުލޫމާތު އެނގެން އެބަޖެހޭނު. ފާޑު ކިިޔައިފިއޭ އެންމެ ކިޔަކަސް އަދި ތަނެއް ދޮރެއް ނޭނގޭ. ފާޑު ކިޔަން އޭނަ ކިޔަނީ ކީކޭ؟ އުޅެނީ އެމެރިކާގަ! އަނބިމީހާ ވަރި ކޮށްފަ! ލޯބިވެރިއަކު ގެންގުޅޭ މުސްކުޅިއެއް! މީ ކޮންހާ ކަންތައްގަނޑެއް؟ މަތިމައްޗަށް ކިތަންމެ ފަގުޑިއެއް އަޅާފަ ހުއްޓަސް ވޮޝިންޓަންޕޯސްޓަށް ލިޔެ ހަދާ މީޙެއްނަމަ މި ހުރިހާ ކަންކަމުގެ ތަފްޞީލު އެނގިގެން ނޫނީ ތިމީހާއާ ބެހޭގޮތުން ވާހަކަ ދައްކާކަށް އެކަކަށްވެސް އެނގިގެން ނުވަނެނު.