އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓުގައި އިންޑޮނޭޝިޔާގެ ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކު ތިބިކަން ހާމަވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އިން ފުރައިގެން މިއަދު ހެނދުނު ސްމަޓްރާ އަށް ދަތުރު ކުރި އެއާ ލަޔަން ގެ ފްލައިޓުގައި 189 މީހުން ދަތުރުކުރިއިރު މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް އިންޑޮނީޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ފްލައިޓުގައި ތިބި ފަސެންޖަރުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

އިންޑޮނޭޝިޔާގެ ފިނޭސް މިނިސްޓަރ ސިރީ މުލަޔަނީ ވަނީ އެގައުމުގެ ނޭޝަނަލް ސާޗް އެންޑް ރެސްކިޔު އެޖެންސީއަށް ޒިޔާރަތްކޮށް ވެއްޓުނު ބޯޓުގައި ތިބި 20 މުވައްޒަފުންގެ މައުލޫމާތު ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައިނުވާއިރު، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އެގައުމުގެ ކަމަބެހޭ ފަރާތްތަކަށް މި ހާދިސާގެ ތަހުގީގު ވަގުތުން ފެށުމަށް އަމުރު ކުރައްވާފައެވެ.ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓާއި ކޮންޓްރޯލް ޓަވަރުގެ ގުޅުން ކެނޑުނީ ހެނދުނު 06:30 ހާއިރު އެވެ. އެއީ ފްލައިޓް ޖަކާޓާ އިން އުދުއްސާލިތާ 13 މިނެޓް ފަހުންނެވެ. ވެއްޓިފައި ވަނީ ބޮއިން-737 މެކްސް-8 މަރުކާގެ ފްލައިޓެކެވެ. މިއީ 2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މިމޮޑެލްގެ ފްލައިޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ލަޔަން އެއާ އަކީ އިންޑޮނޭޝިއާގައި އެންމެ ފަހުން އުފެއްދި އެއާލައިނެވެ. ލަޔަން އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންޑޮނޭޝިއާގެ ޑޮމެސްޓިކް މާކެޓްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.