ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން ޔަމަނަށް މިދިޔަ އަހަރު ދިން ހަމަލާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، އެއަނިޔާތަކުގެ ސަބަބުން މީޑިއާގެ ސަމާލުކަމަށް އައި އަންހެން ކުއްޖާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެކުއްޖާގެ އާއިލާ އިން ބުންފިއެވެ.

އުމުރުން ފަސް އަހަރުގެ ބުތައިނާ މުހައްމަދު މަންސޫރު އަލް-ރައިމީ އަށް އަނިޔާވީ އޭނާ ދިރިއުޅެމުން އައި އިމާރާތައް ދިން ވައިގެ ހަމަލާއެއްގެ ސަބަބުންނެވެ. އާންމުވި ބުތައިނާގެ ފޮޓޯ އަކުން ފެންނަނީ އޭނާގެ ކަނާތު ލޮލަށް ލޭ އަރާ ލޯ އެއްކޮށް ލެއްޕިފައި ވަނިކޮށެވެ. "ސީއެންއެން" ފަދަ ބޮޑެތި މީޑިއާތަކުން ބުތައިނާގެ ވާހަކަ ގެނެސްދިނުމުން ޔަމަނުގެ އިންސާނީ ހާލަތު އޮތް ގޮތް މީހުންގެ ސަމާލުކަމަށް އައެވެ.

ބުތައިނާ އަށް އަނިޔާވެ، މީޑިއާގެ ސަމާލުކަން ލިބުމުން ސައުދީ އަރަބިއްޔާ އިން ވަނީ ބުތައިނާ އަށް ލިބުނު އަނިޔާތަކަށް ފަރުވަ ދިނުމަށް ސައުދީ އަރަބިއްޔާ އަށް އޭނާ ގެންގޮސްފައެވެ. ނަމަވެސް އާއިލާ އިން ބުނާ ގޮތުގައި ބުތައިނާ ސައުދީ އަރަބިއްޔާ އަށް ގެންދިޔައީ އާއިލާގެ ނުރުހުމުގައެވެ. ސައުދީ އަރަބިއްޔާ އަށް ބުތައިނާ ގެންދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށާއި ބުތައިނާގެ މައުލޫމާތު ހޯދަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށް ބުތައިނާގެ އާއިލާ އިން ބުނެއެވެ.

ބުތައިނާގެ އާއިލާ އިން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ބުތައިނާ ވަގަށް ނަގާފައެވެ. އެއީ ބުތައިނާގެ ސަބަބުން ޔަމަންގެ ހާލަތާއި ބެހޭ ގޮތުން ވާހަކަދައްކާ މީހުންގެ އަދަދު އިތުރުވެފައި ވާތީ ސައުދީ އަރަބިއްޔާ އިން ކުރި ކަމެއް ކަމަސް ވެސް ބުތައިނާގެ އާއިލާ އިން ބުނެއެވެ.

ބުތައިނާގެ އާއިލާ އިން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބާން

    އެކުއްޖާ އަށް ރަނގަޅަށް ބެލި ނަމަ ނުގެއްލޭނެ.....

  2. ޟަޒްލާން

    ސައުދީ އާލު ސޫދުންތައް ތިޔަ ކުއްޖާފުޅައް ހެޔޮއެދޭނެ ކަމައް ބަލައިގެން ނުވާނެ..