އެމެރިކާގެ ކެލިފޯނިޔާގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން މަރުވި މީހުންގެ އަދަދު 71 އަރާފައިވާކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ. އެފަރާތްތަކުން އިތުރަށް ހާމަކޮށްފައިވާ އިއްޔެގެ ނިޔަލަށް، އަލިފާނުގެ ސަބަބުން ވަނީ 1000 މީހުން ގެއްލިފައެވެ.

27،000 މީހުންގެ އާބާދީއެއް އޮންނަ ޕެރަޑައިސް އަވަށުން އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓުކޮށްފައިވާއިރު، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. އެމަސައްކަތުގައި ގިނަ އަދަދެއްގެ މީހުންނާއި ކަޑޭވަރ ކުއްތާވެސް ދަނީ ބޭނުން ކުރަމުންނެވެ.

ހަފްތާއެއްހާ ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑުގެ ބޮޑު ބައެއް މިހާރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް، އަދިވެސް ބައެއް ސަރަޙައްދުތަކުގައި އަލިފާން ރޯވަމުންދާކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. އަދި، ޖުމުލަ 142،000 އޭކަރު (57،000 ހެކްޓަރު) ގެ ސަރަޙައްދެއްވަނީ އަނދާ އަޅިއަށް ވެފައެވެ.

މީގެއިތުރުން، އަލިފާނުގެ ސަބަބުން 12،000 އެއްހާ ގެ ވަނީ އެއްކޮށް އަނދައިގެން ގޮސް، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން އަންނައިރު، ބައެއް ފަރާތްތައް ކޭމްޕު ކޮށްގެން އުޅެމުން ދަނީ އެމީހުންގެ އަމިއްލަ އެއްގަމު އުޅަނދުފަހަރުގައެވެ.

ކެލިފޯނިޔާގެ ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ އަދަދު 47،000 އަށް އަރާނެއެވެ. އަދި، އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވަގުތީ ހިޔާގެ ގޮތުގައި 14 ސަރަޙައްދެއްވަނީ ކަނޑައަޅާފައެވެ.