ސުނާމީގެ އިންޒާރު ކުރީބައިގައި ދޭ އާނިޒާމެއް އަންނަ އަހަރު ގާއިމު ކުރަނެ ކަމަށް އިންޑޮނޭޝިއާގެ ސަރުކާރުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން މިހެން ބުނެފައިވަނީ އިންޑޮނޭޝިއާގެ ސުނާމީގެ އިންޒާރު ދޭ ނިޒާމު 2012 ވަނަ އަހަރުން ފެށިގެން މަސައްކަތް ނުކުރާ ކަމަށް އެގަމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްގެ ތަރުޖަމާން ވިދާޅުވުމާއި ގުޅިގެން އެތަށް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހު އަލިފާން ފަރުބަދައެއް ގޮވާ އިންޑޮނޭޝިޔާ އަށް އެރި ސުނާމީގައި މިހާތަނަށް 429 މީހުން މަރުވެފައިވާއިރު ސުނާމީގެ އިންޒާރު އާންމުންނަށް ކުރިން ނުދެވުނު މައްސަލާގައި ބޮޑެތި ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ވިދާޅުވީ އަންނަ އަހަރު ތެރޭ ސުނާމީގެ އިޒާރު ދޭ އާނިޒާމެއް ގާއިމު ކުރެވޭނެ ކަމަށާއި ސުނާމީގެ އިންޒާރުދޭ ނިޒާމުގައި މިހާރު ހުރި ބޮއިތަަށް ބަދަލުކޮށް އާބޮއިތަކެއް ހަރުކުރެވޭނެ ކަމަށެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒަަސްޓަރ މެނޭޖްމެންޓްގެ ތަރުޖަމާން ސްޓޯޕޯ ޕުރުވޯ ވިދާޅުވީ ހޮނިހިރު ދުވަހު އެގައުމަށް ސުނާމީ އެރި އިރު ސުނާމީގެ އިންޒާރު ދޭ ނިޒާމު މަސައްކަތް ނުކުރީ އެ ނިޒާމު އަލުން މަރާމާތު ކުރަން ޖެހިފައިވާތީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަނޑުގެ އަޑިން ބިންގަނޑު ކަނޑައިގެން ގޮސް އުފެދޭ ސުނާމީ ދެނެގަންނާނެ ފަދަ އެޑްވާންސް ވާނިންގް ސިސްޓަމެއް ހޮނިހިރު ދުވަހު ސުނާމީ އެރި އިރު އެގައުމުގައި ނެތް ކަމަށެވެ. ސުނާމީ އެއް އުފެދުނު ކަން ދެނެނުގަނެވުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާގައި ގާއިމްކޮށްފައިވަނީ ޖަރުމަނުވިލާތުގެ ޖީއެފްޒެޑްއިން ތަރައްގީކޮށްފައިވާ ސުނާމީގެ އިންޒާރުދޭ ނިޒާމެކެވެ.

ބާރުގަދަ ސުނާމީގައި މިހާތަށް މަރުވި މީހުންގެ އަދަދު 429 އަށް އަރާފައިވާ ކަމަށް އިންޑޮނޭޝިއާގެ ޑިޒާސްޓާ ސެންޓަރުން ބުނެފައިވާއިރު ސުނާމީއަށް ފަހު އަދިވެސް 150 މީހުން ވަނީ ގެއްލިފައެވެ. ޑިޒާސްޓާ ސެންޓަރުގެ ތަރުޖަމާން ވިދާޅުވީ ސުންޑާ ސްޓްރިޓް އަށް އެރި ސުނާމީގެ ސަބަބުން 1400 މީހުން ޒަހަމުވެފައިވާ ކަމަށެވެ.