މީގެ ދެތިން މަސް ކުރިން ތުރުކީވިލާތުގެ އިސްތަންބޫލްގައި މަރާލި ޖަމާލް ޚަޝޯޤީގެ މަރާއި ގުޅިގެން ސައުދީ ސަރުކާރަށް ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

މިއީ ސީދާ ޚަޝޯޤީގެ މަރާއި ގުޅިގެން އެޅި ފިޔަވަޅެއްކަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޚަޝޯޤީގެ މަރާއި ގުޅިގެން ވަލީއަހްދު މުހައްމަދުގެ ބާރުތައް ދަށްކުރުމަށް ރަސްގެފާން ގެންނެވި ބަދަލުތަކެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޚަޝޯޤީގެ މަރަށް ފަހު ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ވެރިންގެ ދިފާޢުގައި އެންމެ ގިނައިން ވާހަކަދެއްކެވި އެގައުމުގެ ފޮރިން މިނިސްޓަރ އަދީލް އަޖު-ޖުބައިރު ވަނީ މިއަދު މަގާމުން ދުރުކޮށްފައެވެ. އޭގެ އިތުރުން ރަސްގެފާނަށް ލަފާއަރުވާ އެންމެ މަތީ ދެކައުންސިލް ކަމަށްވާ އިޤުތިޞާދާއި ބެހޭ ކައުންސިލާއި ގައުމީ ސަލާމަތާއި ބެހޭ ކައުންސިލްގެ މެންބަރުން ބަދަލު ކުރައްވަން ވެސް ރަސްގެފާން މިހާރު ވަނީ ނިންމަވާފައެވެ.

ފޮރިން މިނިސްޓަރުގެ މަގާމުން އަދީލް ދުރުކުރުމަށް ފަހު އެމަގާމަށް ހަމަޖައްސަން ނިންމާފައި ވަނީ އިބްރާހިމް އަލް-އައްސަފް އެވެ. އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފިނޭންސް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯގެ ބޯޑް މެންބަރު ކަން ވެސް އޭނާ ކުރައްވައެވެ. އިބްރާހިމް ވަނީ އެމެރިކާގެ ކޮލޮރާޑޯ ޔުނިވަސިޓީ އިން އިޤުތިޞާދީ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.

މީޑިއާ އާއި ތައުލީމާއި ބެހޭ މިނިސްޓްރީތަކުގެ ވަޒީރުން ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި އޭގެ އިތުރުން ވެސް ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މަތީ މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގައި ވޮޝިންޓަންގައި ހުންނަ ސައުދީ އަރަބިއްޔާގެ ސަފީރު ޕްރިންސް އަބްދުﷲ ބިން ބަންދަރު ނޭޝަނަލް ގާޑްގެ ވެރިޔާގެ މަގާމަށް ބަދަލު ކުރަން ވެސް ވަނީ ނިންމަވާފައެވެ.

ވަލީއަހްދު މުހައްމަދު އާއި ގާތް ގުޅުމެއް އޮންނަ ތުރުކީ އަލް-ޝައިހް ވަނީ ޖެނެރަލް އެންޓަޓެއިންމަންޓްގެ ވެރިޔާގެ މަގާމަށް ބަދަލުކޮށްފައެވެ. މިއީ ޑިމޯޝަނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ތުރުކީ ހުންނެވީ ވަލީއަހްދު މުހައްމަދުގެ ސިޔާސަތުތައް ތަންފީޒު ކުރާ އިސްވެރިޔާގެ މަގާމުގައެވެ.

ޚަޝޯޤީގެ މަރުގެ ފަހަތުގައި ހުރީ ވަލީއަހްދު ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމެސް ސައުދީ އަރަބިއްޔާ އިން އެތުހުމަތުތައް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަވްބެ

    އެއޮއްމޮޅު އެފް.ބީ.އައި ކޮބާ އެމެރިކާގެ؟ އަދި ޓެރެރިޒަމް ނައްތާލާށޯ ތިމަންނަމެން ކިޔާ ބަހައްޓާފަ ތި ސައުދީގެ ޝައިތޯނުންތައް އެމެރިކާއާއި ގުޅިގެން އައިއެސް ނައްތާލަން މުޅި އީރާގާއި،ސީރިޔާ އަދި ޔަމަނުގައި ކުޑަކުދިންނާއި އަންހެނުން މަރަން އެނގޭ. އަދި އައިއެސްގެ އިސްމެންބަރަކު ކަކުނިހޮރެއްގަ އޮތަސް ދަމާނެރޭ އެކަމު ހަޝޯގީގެ ތަނެއް ދޮރުފަތެއްވެސް މީން ބަޔަކަށް ވީތަނެއް ނޭންގުނު. ދެންނިމުނީނު. މަގާމު ދައްކޮށްލީމަ އިސްލާމީ ޝަރީއަތް ޤާއިމް ކޮށްލެވުނީއޭ.....

  2. ނުރަބޯ

    ބަލަ ހުރިހާ ގަނޑެއްގަތީ ވަލީއަޙްދު މޯޑުގެ އަމުރަށްކަން އެނގޭއިރުވެސް ރަސްގެފާނަކަށް ނުކެރުނުދޯ މޯޑު ދުރަށްލާކަށް؟ ދެންކޮން ހަޑިއެއް އެ ހާވަނީ.......؟؟؟

  3. އަޙްމަދް

    ހައްދަވާ ގެންގުޅުއްވާ އަޅަމެންގެ ވެރި ރައްބް
    ސަޢޫދީ އެރެބިޔާގެ توحيدގެ މިދައުލަތުގެ ވެރިން ނަށް ޙިކްމަތްތެރި ކަން އިބަﷲ މިންވަރު ކޮއްދެއްވާ މީސްތަކުންގެ ދުލާއި އަތުގެ ނުބައި ކަމުން އިބް ﷲ މިދައުލަތް ރައްކައުތެރިކުރައްވާ ޙިމާޔައް ކޮއްދެއްވާ ފާނދެއެވެأمين.