ފްރާންސްގެ ޔެލޯ ވެސްޓް މުޒާހަރާތަކުން ހިތްވަރު ލިބިގެން ސާބިޔާގެ ރައީސް އެލެކްސެންޑްރާ ވުޗިޗް އާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ސާބިއާގައި ސަރުކާރާ އިދިކޮޅު ފަރާތްތަކަށްދޭ އަނިޔާތައް ވަނީ ގިނަވެފައެވެ. އެގޮތުން މިމަހު ސަބިޔާގެ ވާތުފިޔައިގެ ޕާޓީގެ ލީޑަރު ބޮރްކޯ ސްޓެފަނޯވިކް އަށް ދިން ހަމަލާއެއްގައި އޭނާ އަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައެވެ.

އެތައް ހާސް ބަޔަކު ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް ނިކުމެ ބުނަމުން ދަނީ ރައީސް ވުޗިޗް އަކީ ކޮރަޕްޓް ވެފައިވާ މީހެއްކަމަށާއި އޭނާ ވަނީ ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފައިވާ ކަމަށެވެ.

ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި 30000 މީހުން ޔެލޯ ވެސްޓް އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ވުޗިޗް ދިރިއުޅޭގެ ކައިރިއަށް އެއްވެ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

މުޒާހަރާގައި ބައިވެރިން ވަނީ، އިންސާނީ ހައްގުތަށް ކަށަވަރު ކޮއްދީ ނޫސްވެރިންނަށާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށްދޭ އަނިޔާތަށް ވަގުތުން ވަގުތަށް ހުއްޓުމަށް ސަރުކާރަށް ގޮވާލާ އަޑު އުފުލާފައެވެ.

މުޒަަހަރާތަކަށް ރައްދުދީ ރައީސް ވުޗިޗް ވިދާޅުވީ، ރައްޔިތުންނާ އެމަނިކުފާނާއި ހިޔާލު ތަފާތުވާ ސަބަބު އެގެން ބޭނުންވާ ކަމަށެވެ. ސަރުކާރަށް ރައްޔިތުންގެ ތާއިދު އޮތްތޯ ބަލަން ކުއްލި ވޯޓެއް ނަގަން ތައްޔާރު ކަމަށް އެމަނިކުފާނު ވަނީ ވޭތުވެދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

އުމުރުން 48 އަހަރުގެ ވުޗިޗް ސާބިއާގެ ބޮޑު ވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ 2014 ވަނަ އަހަރުގެ އިންތިހާބުގައި ނޭޝަނަލިސްޓް ޕްރޮގްރެސިވް ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުމުންނެވެ.