ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

ޝާހިދު ސާބިއާއަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދަތުރުފުޅުގައި ސާބިއާގެ ޚާރިޖީ ވަޒީރު އިވިކާ ޑަޗިޗްއާއެކު މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ދަތުރުގެ ސަބަބުން ރާއްޖެ އާއި ސާރބިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މިދިޔަ އަހަރުވެސް ސާބިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ޝާހިދުގެ މި ފަހަރުގެ ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް، އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއާ ސާވިސަސް އެއްބަސްވުމެއް އަދި ޑިޕްލޮމެޓިކް އެޑިއުކޭޝަންގެ އެއްބަސްވުމެއްގެ އިތުރުން ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއް ހިމެނެއެވެ.

ބެލެވޭ ގޮތުގައި ޝާހިދުގެ ދަތުރުފުޅާއެކު ވިސާއާ ނުލައި ސާބިއާއަށް ދިވެހީންނަށް ދެވޭނެ ގޮތް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިވަނީ ކިހިނެއްތޯ އެބަ ބަލަންޖެހޭ. ކުރިން ދިޔައީ ރައީސް ސޯލިހު. މިހާރު ފޮރިންގ މިނިސްޓަރ. ކީއްބާ މިކުރަނީ؟ ރަސްމީ ކަމެއް ނޫންކަމަށް އެބަހީވޭ!

  2. ސަރަފަކައްދަ

    އދ ގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް ފައި ނަގަނީޔޯ ބުނާ އަޑު އަހަނމު.

  3. ހަސަނެ

    އެބައުޅޭ ގޯހެއް! ކޮންމެވެސް އަޑި ނޭންގޭ ކަންތައްގަނޑެއް އެބަ އުޅޭ! ކޮންމެވެސް ވިޔަފާރި ގޭސް ގަނޑެއް އަނބުރާހެން ހީވޭ!