ފްރާންސްގައި ކުރަމުން އަންނަ ޔެލޯ މުޒާހަރާތަށް ވަރުގަދަވެ ހަމަނުޖެހުންތައް އިތުރުވާން ފަށައިފިއެވެ.

އިއްޔެ އެކަނިވެސް 50000 މީހުން މި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ފްރާންސްގެ އިންޓީރިއަރ މިނިސްޓްރީން ބުނާއިރު މީގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވީ ވެރިރަށް ޕެރިހުގަ އާއި ބޯޑޯގެ އިތުރުން މާސޭގައި ބޭއްވި އެއްވުންތަކުގައެވެ.

މުޒާހަރާތަަށް ފިނިވެފައި އޮތީ މައްސަލަ ބޮޑުވެފައި އޮތް ޓެކްސް ނެގުން މަޑުޖައްސާލަން ރައީސް މެކްރޮން ނިންމުމާ ގުޅިގެންނާއި ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާވުމާ ގުޅިގެންނެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ހަފުތާ ބަންދުގައި މި ވަނީ ކުރިން ހަފްތާއަށް ވުރެ މުޒާހަރާގެ ބައިވެރިން އިތުރުވެފައެވެ.

މުޒާހަރާ އިތުރަށް ހޫނުވެ، ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭއިރު މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކަށާއި ކޯޓުތަކަށް ވަދެ ގަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ އެމަސައްކަތް ނާކާމިޔާބު ކޮށްލާފައެވެ.

މުޒާހަރާ ތަކުގައި އެތަށް ބަޔަކު ޒަހަމުވެ 1000 އަށް ވުރެން ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މެކްރޮން ވަނީ މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވާފައެވެ.

ތެލުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށްދިއުމާއި، އަދި އެހެނިހެން މައްސަލަތަކާހުރެ ފްރާންސްގައި ޖެހިޖެހިގެން ހަތަރު ހަފްތާގެ ހަފްތާ ބަންދުގައި ވަނީ މުޒާހަރާކޮށްފައެވެ.

ޑީސަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރުމުން ފެށުނު މުޒާހަރާތައް މިހަފްތާ ބަންދުގައި ހޫނުވެދާނެ ކަމަށް ލަފާކޮށް، ޕެރިހުގައި ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ތަންތަން ވަނީ ބަންދުކޮށްފައެވެ.

ފްރާންސްގައި މީހާރުވެސް ގިނައިން ބޭނުންކުރަމުން ދަނީ ޑީސެލް ބޭނުންކުރާ އުޅަނދުފަހަރެވެ. ފްރާންސްގައި މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުރީ 1.51 ޔޫރޯއަށެވެ. މިއި ނިސްބަތުން ދުނިޔޭގެ ބާޒާރުގައި ޑީސެލްގެ އަގު ހުރި މިންވަރަށްވުރެ މަތީ އަގެކެވެ.