އިންޑިޔާގެ އިރު އުތުރު އަރުނާޝަލް ޕްރަދޭޝްގެ ސަރަޙައްދީ ބޯޑަރުގައި އޮންނަ، ސުވާލު އުފެދިފައިވާ ސަރަޙައްދަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމުން، އިންޑިޔާ އާއި ޗައިނާގެ ގުޅުން އަނެއްކާވެސް ހީނަރުވެއްޖެއެވެ.

ދެ ޤައުމުންވެސް މިލްކުވެރިކަމެއް ދައުވާ ކުރާ މި ސަރަޙައްދަށް މޯދީ ވަޑައިގެންނެވީ، އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޚާބަށް، އެމަނިކުފާނުގެ ޕާޓީއަށް ތާއީދު އިތުރުކުރެއްވުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީ އިން ނެރުއްވި ބަޔާނެއްގައި، މޯދީގެ ދަތުރުފުޅުވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން އިންޑިޔާގެ ވެރިން އެސަރަޙައްދަށް ވަޑައިގެން ކުރައްވާ ކަންތައްތަކަށް، ހުރިހާ ގޮތަކުންވެސް ޗައިނާއިން ދެކޮޅު ހަދާކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމް ކުރެވިފައިވާ ޚަރިޖީ ގުޅުމަށް، އިންޑިޔާގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމުގައެވެ. ހަމައެހެންމެ، ޗައިނާގެ އެދުންތަކަށް އިޙުތިރާމް ކޮށް، ސަރަޙައްދުގެ މަޝްރަހާއި، ދެ ޤައުމުގެ ގުޅުންތައް އިތުރަށް ހީނަރުވާނެފަދަ ކަންކަން ނުކުރުމަށްވެސް ޗައިނާއިން ވަނީ އިންޑިޔާއަށް ގޮވާލައްވާފައެވެ.

މިކަމަށް ރައްދު ދެއްވާ އިންޑިޔާގެ އޮފިޝަލުން ވިދާޅުވީ އަރުނާޝަލް ޕްރަދޭޝް ސަރަޙައްދަކީ އިންޑިޔާގެ ބައެއްކަމުގައެވެ. އަދި އެޤައުމުގެ އެހެން ސަރަޙައްދުތަކަށް ޤައުމުގެ ވެރިން ވަޑައިގަންނަވާ ބީދައިން، އެސަރަޙައްދަށްވެސް އެކި ފަހަރުމަތިން ވެރިން ޒިޔާރަޔް ކުރައްވަމުން ގެންދަވާނެކަމަށެވެ.

2017 ވަނަ އަހަރުގެ ތެރޭގައި މި މައްސަލައާ ގުޅިގެން ދެ ޤައުމުގެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އެސަރަޙައްދުގައި އެއަހަރުގެތެރޭގައި ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރުންތައްވެސް ކުރިއަށް ދިޔައެވެ.

އެހެންނަމަވެސް، ފަހުން މަޝްވަރާގެ މޭޒަށް ވަޑައިގެން، ދެ ޤައުމުން ވަނީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރު ދެމެހެއްޓުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހުސޭނުބޭ

  ޗައިނާ އަޅުވެތިނުކުރެވޭތީ ގުޅުން ގޯސްވަނީ! މާރިޔާ ފަދައިން ޗައިނާގެ ރައީސްވެސް މޯދީގެ ދެފައިގައި ދޫލަން އަންނަގަ! އޭރުން ގުޅުން މުޅިން ބަދަހިވާނެ!

  6
  1
  • އިބުރޭ1122

   ސަތޭކައިގެ ވާހަކައެއް

   7
   1