އިސްރާއީލްގެ ހައްދު ފަހަނައަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުން އަންނަތާ ދެއަހަރު ފަހުން މައްސަލައިގެ ތަޙްޤީޤު ނިންމާ ދައުވާ އުފުލައިފިއެވެ.

މިއަދު އިސްރާއީލްގެ އެޓާނީޖެނެރަލް އޮފީހުން ބުނީ ރިޝްވަތު ދިނުމުގެ ދައުވާއަކާއި، ސައްހަ މައުލޫމާތު އޮޅުވާލުމުގެ ދެ ދައުވާއަކާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އިތުބާރު ގެއްލޭފަދަ އަމަލެއް ކުރުމުގެ ދައުވާ ނަތަންޔާހޫގެ މައްޗަށް އުފުލަން ނިންމާފައިވާ ކަމަށެވެ. މިތިން ދައުވާ އޭނާގެ މައްޗަށް އުފުލަން ނިންމާފައި ވަނީ ތަފާތު ތިން މައްސަލައެއްގައެވެ.

ނަތަންޔާހޫގެ މައްޗަށް އެންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވެނީ އޭނާ އިސްރާއީލްގެ ޓެލެކޮމް ކުންފުނި "ބެޒެގް" ގެ ހިއްސާދާރެއް ކަމަށްވާ ޝަހުލް އެލްވިޗް އާއި ބޭއްވި ގުޅުމުގެ ސަބަބުންނެވެ. ނަތަންޔާހޫ ޕްރޮމޯޓް ކުރަން ބެޒެގް އިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދު ކޮށްފައިވެއެވެ. އެ ޚަރަދުތަކަކީ ބެގެޒް އިން ނަތަންޔާހޫ އަށް ދިން ރިޝްވަތު ކަމަށް ތުހުމަތު ކުރެވެއެވެ.

ބެޒެގް އިން ކުރި ޚަރަދުތަކުގެ ބަދަލެއްގެ ގޮތުން ސަރުކާރުން އެކުންފުންޏަށް ވިޔަފާރީގެ އެތައް ފުރުސަތެއް ތަނަވަސްކޮށްދިން ކަމަށް ތުހުމަތު ކުރެވެއެވެ.

މީގެ އިތުރުން ނަތަންޔާހޫ ބިލިއަނަރުންގެ އަތުން ހަދިޔާތަކެއް ހޯދާ، އެތަކެތީގެ ބޭނުން ކޮށްފައިވާ ތަފާތު އެހެން ދެ މައްސަލައަކާއި ގުޅިގެން ވެސް ވަނީ ދައުވާ ކުރަން ނިންމާފައެވެ.

އުމުރުން 69 އަހަރުގެ ނަތަންޔާހޫ މިހާރު އިސްރާއީލްގެ ބޮޑުވަޒީރުކަން ކުރަމުން ގެންދަނީ ތިން ވަނަ ދައުރުގައެވެ. އަދި އަންނަ އޭޕްރިލް މަހު އޮންނަ އިސްރާއީލްގެ އާއްމު އިންތިޚާބުގައި ވެސް ނަތަންޔާހޫ ވާދަކުރެއެވެ.

އިންތިޚާބު ކައިރިވެފައިވަނިކޮށް ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލުމަކީ މިހާރު ވެސް އިންތިޚާބު ކާމިޔާބު ކުރަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ނަތަންޔާހޫ އަށް ކުރިމަތިވާނެ އިތުރު އުނދަގުލެކެވެ.