އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބޭބެ ކިމް ޖޮން ނަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ އަންހެނުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ނަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ދެ އަންހެނުންގެ ތެރެއިން މިއަދު ދޫކޮށްލާފައި ވަނީ އިންޑޮނޭޝިއާ އަށް ނިސްބަތްވާ ސިތީ އައިޝާ އެވެ. އެމައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ވިއެޓްނާމްގެ އަންހެނެއް ކަމަށްވާ ޑޮއާން ތީ ހޮންގް ނަމަކަށް ކިޔާ އަންހެނެކެވެ.

މިއަދު ކުއްލި ގޮތަކަށް އައިޝާ ދޫކޮށްލީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް މެލޭޝިއާގެ ޕްރޮސެކިއުޓަރުން އަނބުރާ ގެންދިއުމުންނެވެ. އައިޝާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ ސަބަބެއް މެލޭޝިއާގެ ޕްރޮސެކިއުޓަރުން ހާމައެއް ނުކުރެއެވެ.

އައިޝާގެ ޤާނޫނީ ވަކީލް ބުނީ އައިޝާ ބަންދުން ދޫކޮށްލުމުން މިއަދު ހަވީރުގެ ވަގުތެއްގައި އައިޝާ އިންޑޮނޭޝިއާ އަށް ދާނެ ކަމަށެވެ. ވަކީލު ވެސް ބުނީ އައިޝާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ ސަބަބެއް ނޭނގޭ ކަމަށެވެ.

މިމައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ވިއެޓްނާމްގެ ހޮންގްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. އެއަޑުއެހުމުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވެސް އަނބުރާ ގެންދިއުން އެކަށީގެންވެއެވެ.

ވިހަ ލާފައިވާ ފޮތިގަނޑެއް ނަމްގެ މޫނުގައި އަޅައިގެން އޭނާ މަރާލީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު މެލޭޝިއާގެ ކުއަލަޕަމްޕޫރުގެ އެއާޕޯޓްގައެވެ. ނަމްގެ މޫނުގައި އެޅި ފޮތިގަނޑުން ވީއެކްސްގެ އަސަރު ފެނިފައި ވެއެވެ. އެއީ އިންސާނުންގެ ފުރާނައަށް ނުރައްކާ ކުރުވާ ވިހައެކެވެ.

ދެއަންހެނުންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވި ނަމަ އެމީހުންގެ މައްޗަށް މަރުގެ ޙުކުމެއް އައުން އެކަށީގެންވިއެވެ.