އިތިއޯޕިއާ އެއާލައިންގައި ބޭނުން ކުރަމުން ދިޔަ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓެއް ވެއްޓުމުގެ ހާދިސާ އަށް ފަހު ސަލާމަތީ ސަބަބު ތަކައްޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ބޮއިން 737 ގެ ފްލައިޓް ތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

ޔޫއޭއީން މި ފިޔަވަޅު އަޅާފައި މިވަނީ ޔޫރަޕާއި އެމެރިކާއިން ވެސް އެގައުމުގެ ވައިގެ ސަރަހައްދަށް ބޮއިން 737 މެކްސްގެ ފްލައިޓްތައް ވަނުން މަނާކޮށްފައި ވަނިކޮށެވެ.

ޔޫއޭއީން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ ފާއިތުވެދިޔަ ހަ މަސް ދުވަސް ތެރޭގައި ބޮއިން ކުންފުނީގެ 737 މަރުކާގެ ބޯޓް ވެއްޓުމުގެ ދެ ހާދިސާ ހިނގުމާއި ގުޅިގެން ސަލާމަތީ ރައްކަލަކަށް ކަމަށެވެ.

މިމަހު 10 ވަނަ ދުވަހު އިތިއޯޕިއާއިން ކެންޔާގެ ނައިރޯބީއަށް ދަތުރު ކުރި އިތިއޯޕިއަން އެއާލައިން ބޮއެން 737ގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި ފްލައިޓުން ދަތުރުކުރި 157 މީހުން މަރުވެފައިވާއިރު އިތިއޯޕިއަން އެއަރލައިން އިން ބުނެފައިވަނީ އެ ފްލައިޓް ފުރާފައިވަނީ އިތިއޯޕިޔާ ގަޑިން 8:38 ގައި ކަމަށާއި އަދި ފްލައިޓް ފުރިތާ މާގިނަ އިރުތަކެއް ނުވެ، ފްލައިޓް ވެއްޓިފައިވާ ކަމަށެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަމަސް ތެރޭ ހިންގި ދެ ހާދިސާގައި ފްލައިޓް ވެއްޓުނު ސަބަބަކަށް ބޮއިން 737 މެކްސް މަރުކާ ފްލައިޓްގެ މެކޭނިކަލް މައްސަލައެއް ކަމަށް ވެދާނެއެވެ. އެހެންކަމުން ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތައް އިތުރަށް ތަހްލީލް ނުކޮށް ވައިގެ ދަތުރުތަކުގައި ބޭނުން ކުރުން ރަނގަޅު ނޫން ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް އަނެއްބައި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބޮއިން 737 މެކްސް މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑް ކުރަން ޖެހޭ ފަދަ ހާލަތެއް އަދި ނެތެވެ. ސައުތުވެސްޓް އެއާލައިންގެ ޕައިލެޓުންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތަކުގެ ސަލާމަތީ ކަންތައްތަކާއި މެދު އިތުބާރު އެބައޮތް ކަމަށް ބުނެފައެވެ.