ނެދަލޭންޑްސްގެ އުޓްރެޗްޓްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނަކު ބުނެފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ ޓްރެމްއެއްގެ ކައިރީގައި ކަމަށެވެ. ޓްރެމްއަކީ އާންމުކޮށް އެއްޗެހި ދުއްވާ މަގުތަކުގައި ހެދިފައިވާ ރެއިލްވޭއެއްގައި ދުއްވާ ކުދި ރޭލުގެ ދަތުރުފަތުރުގެ ވިއުގައެކެވެ. އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ހާމަ ނުކުރި ނަމަވެސް، އެ ގައުމުގެ ފުލުހުން ވަނީ ހާދިސާ ހިނގައިގެން އުޅޭކަން ޔަގީން ކޮށްދީފައެވެ.

ސިޓީ ސެންޓަރުގައި މީހަކު ބަޑި ޖަހާ އެތައް ބަޔަކު ޒަހަމް ކޮށްލާފައިވާ ކަމަށް މީޑިއާަތައް ރިޕޯޓް ކޮށްފައިވާ އިރު، އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވި މީހުންގެ އެންމެ ފަހުގެ ތަފްސީލުތައް ބުނާ ގޮތުން މަރުވެފައި ވަނީ އެންމެ މީހެކެވެ.

ފުލުހުން ބުނެފައި ވަނީ އެމަޖެންސީ ސާވިސްގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، އެ ސަރަހައްދުގެ ހުރިހާ ދަތުރުފަތުރެއް ހުއްޓުމަކަށް ގެނުވާފައިވާ ކަމަށެވެ. އަދި މީހާކު ހައްޔަރު ނުކުރާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.