ނެދަލޭންޑްސް (ޑަޗް) އިން އެހެން ގައުމުތަކުގެ މީހުންނަށް ރައްވެހިކަން ދިނުމާއި، ރެފިއުޖީންނަށް ހިމާޔަތް ދިނުމާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިންނަށް އެއްބަސްވުމަކަށް ނާދެވުމުން އެންމެފަހުން ސަރުކާރު ވެއްޓިއްޖެއެވެ.

ބޮޑުވަޒީރު މާކް ރުޓް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ރަސްގެފާނަށް ހުށަހަޅާފައެވެ.

ހަތަރު ޕާޓީއެއް އެކުވެގެން އުފައްދާފައި އޮތް ކޯލިޝަން ސަރުކާރު ވެއްޓުމަށް މެދުވެރިވި އެންމެ ބޮޑު އެއްސަބަބަކީ މިއަހަރު ވެސް 45000 މީހަކަށް ރައްވެހިކަން ދޭން ދެޕާޓީއަކުން ބޭނުންވިއިރު އަނެއް ދެޕާޓީން އޭގެ އިތުރަށް ވެސް މީހުންނަށް ރައްވެހިކަން ދޭން މަސައްކަތް ކުރުމުންނެވެ. އިތުރު ރެފިއުޖީންނަށް ރައްވެހިކަން ދޭން ވަކާލާތު ކުރާ ދެޕާޓީގެ ހުށަހެޅުމަކީ މިހާރު ވެސް ނެދަލޭންޑްސްގައި ތިބި ރައްވެހިކަން ހޯދާފައިވާ މީހުންގެ އާއިލާ މެންބަރުންނަށް ރައްވެހިކަން ދިނުމެވެ. ނަމަވެސް އަނެއް ދެޕާޓީން އެކަމަށް އެއްބަހެއް ނުވިއެވެ.

ރައްވެހިކަން ދިނުމުގެ މައްސަލައިގެ އިތުރުން ގެދޮރު ލިބުމުގައި ހުރި ދަތިތައް ހައްލު ނުވުމާއި ތެލާއި، ގޭހުގެ އަގުތައް އުފުލުމާއި، އިންފްލޭޝަން މައްޗަށް ދިއުމާއި ބައިނަލްއަޤުވާމީ ދަރިވަރުންގެ މައްސަލަތަކަށް ހައްލެއް ނުގެނެވި ދިގުލައިގެން ދިއުމުން ބޮޑުވަޒީރު މާކް ރުޓްގެ ސަރުކާރު ދެމިއޮވެދާނެ ކަމާއިމެދު ތަޖުރިބާކާރުން ސުވާލު އުފައްދަމުން އަންނަތާ މިހާރު ވެސް ދުވަސްތަކެއް ވެއްޖެއެވެ.

ސަރުކާރު ކުރިއަށް ނުގެންދެވި، މަގާމުން ވަކިވާން ޖެހުމުން ބޮޑުވަޒީރު މާކް ރުޓް ވިދާޅުވީ އިމިގްރޭޝަން ސިޔާސަތުގައި ކޮންމެ ޕާޓީއަކުން ވެސް ގެންގުޅެނީ ތަފާތު ސިޔާސަތެއް ކަމަށާއި އެހެންކަމުން އެކުގައި ކުރިއަށް ދިއުމަށް ދަތިތައް ހުންނާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރެއްވީ އެއްބަސްވެވޭ މެދުމިނުގެ ހައްލެއް ގެންނަން ކަމަށް އޭނާ ވިދާޅުވިއެވެ. "މެދުމިނުގެ ހައްލަކަށް މަޝްވަރާ ކުރެވުނު ނަމަވެސް އެކަން ކާމިޔާބެއް ނުވި." މާކް ރުޓް ވިދާޅުވިއެވެ.

މާކް ރުޓް އިސްތިއުފާ ދިން ނަމަވެސް އަދިވެސް ކޯލިޝަން ސަރުކާރެއް އެކުލަވާލަން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރާނެއެވެ.

ނެދަލޭންޑްގެ އާއްމު އިންތިހާބު ދެން އޮތީ އަންނަ ނޮވެމްބަރ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްތުނާ

    ކޮބާ އަހަރެމެންގެ ބޮޑުވަޒީރު ؟ ހަފުތާއަކު ސަރުކާރެއް. މަހަކު ހަތަރުސަރުކާރު. އަހަރަކު ކިތައްސަރުކާރު ބަދަލުވާނެ.. ކޮންސަކަރާތެއް ؟ ބަރުލަމާނީ ޒީރޯ !!!

    6
    1