ޗައިނާގެ ހުޅަނގު ސިޗުއާން ޕްރޮވިންސުގެ ފަރުބަދަމަތީ ހިސާބެއްގައިވާ ބޮޑު ޖަންގައްޔެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ގިނަ ޢަދަދެއްގެ ފަޔާފައިޓަރުން މަރުވެއްޖެ އެވެ.

ބައިނަލްއަޤުވާމީ ނޫސްތައް ބުނާގޮތުގަިއ، ޖަންގަލީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެ ސަރަޙައްދުގައި ހަރަކާތްތެރިވަނިކޮށް މަރުވި ފަޔާފައިޓަރުންގެ ޢަދަދު ވަނީ 26 އަށް އަރާފައެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ފަޔާފައިޓަރުން ވީނުވީއެއް ނޭނގި އެ ސަރަޙައްދަށް ގެއްލިފައިވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް އިމަޖެންސީ މެނޭޖްމަންޓުގެ އޮފިޝަލުން ނޫސްތަކުގައި ބުނެފައިވަނީ، ސިޗުއާން ޕްރޮވިންސުގެ ޖަންގަލިތައް ހިމެނޭ ހިސާބުގައި 12500 ފޫޓުގެ ސަރަޙައްދަކަށް، ރޯވި އަލިފާންގަނޑު ފެތުރިފައިވާ ކަމަށެވެ. އަދި މިހާރު އެ ހިސާބަށް ވައިގަދަވެފައި ވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރެމުންދާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 700 އެއްހައި ފަޔާފައިޓަރުން މަސައްކަތް ކުރަމުންދާއިރު، އޭގެތެރެއިން 30 މީހެއްގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ވެއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ކުރިޔަށްގެންދާއިރު، އޭގެތެރެއިން ދެ މީހަކު ވަނީ ފެނިފައެވެ. ނަމަވެސް ދެންތިބި މީހުން މަރުވެފައިވާ ކަމަށް ސަލާމަތްވި ދެމީހުން ވަނީ ބުނެފައެވެ.

ސިޗުއާން ޕްރޮވިންސުގެ އިތުރުން ޗައިނާގެ އިތުރު ބައެއް ބިޔަ ޖަންގަލިތަކުގައި ވެސް ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަސްތެތޭގައި ވަނީ ރޯވެފައެވެ. އެގޮތުން ބެއިޖިންގ ގެ ބިޔަ ޖަންގައްޔެއްގައި ވެސް ރޯވެ އަނދަމުން ދެއެވެ. މި ހާދިސާތައް ހިނގަމުންދަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ހޫނުގަދަވުމުގެ ސަބަބުން ކަމަށް ވެއެވެ.