އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ބާރުގަދަ ތޫފާނެއް އުފެދިފައިވާ ކަމަށް އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

"މާކަސް"ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ ބާރުމިން ކެޓެގަރީ 5 ގެ ތޫފާނަކަށް މަތިކޮށްފައިިވާއިރު، ތޫފާން މިހާރު މިސްރާބު ޖަހާފައިވަނީ އޮސްޓްރޭލިއާ އާއި ދިމާލަށް ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ. ފަސްވަނަ ދަރަޖައިގެ ގެ ތޫފާންތަކަކީ އެންމެ ބާރުގަދަ ކެޓެގަރީގައި ހިމެނޭ ތޫފާންތަކެވެ.

ތަޖުރިބާކާރުން ބުނެފައިވާގޮތުގައި މި ތޫފާނުގެ ބާރު ގަދަވެފައި ވީނަމަވެސް، އޮސްޓްރޭލިއާގެ ހުޅަނގު ދެކުނު އައްސޭރިއާއި ހަމައަށް ތޫފާން ފޯރާއިރު އޭގެ ބާރު ކޮންމެވެސް ވަރަކަށް ދަށްވާނެއެވެ.

ތޫފާން މާކަސް، ކެޓެގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައި ދައުރުވަމުން ދިޔައިރު، ގަޑިއަކު 126 ކިލޯމީޓަރަށް ވައިގަދަވިއިރު، މިހާރު އެ ބާރުމިން ވަނީ ގަޑިއަކު 150 ކިލޯމީޓަރަށް މަތިވެފައެވެ. މި ތޫފާނުގެ ސަބަބުން ބޮޑު ނަގޫރޯޅިއެއްވެސް އުފެދިދާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނުގެ ބާރުމިން އިތުރަށް ގަދަވި ނަމަވެސް، އޭގެ ފަހުން އެ ބާރުމިން ދަށްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ތޫފާން މާކަސް ދައުރުވަމުން ދިޔަ ނަމަވެސް އޭގެ އަސަރު ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރާނެ ކަމަށް މިހާތަނަށް ބެލެވިފައެއް ނުވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިސަރަޙައްދުގައި ތޫފާންތައް އިތުރުވަމުންދާއިރު، ދާދި ފަހުންވެސް މި ސަރަޙައްދުގައި އުފެދުނު ލޯޕްރެޝަރ ޓްރަފްއެއްގެ ސަބަބުން ތޫފާނެއް އުފެދިފައިވެއެވެ. އެ ތޫފާނުގެ އަސަރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވަނީ ކޮށްފައެވެ.