މި ދެ ނޫސްވެރިންނަކީ ރޮއިޓާސްގެ ދެ ނޫސްވެރިންނެވެ. މިޔަންމާ ސަރުކާރުގެ ގަތުލްއާންމު، އާންމުންނާ ހަމައަށް ތިލަކޮށްދޭން އުޅުމުގެ ތެރޭގައި އެ ދެމީހުން ހައްޔަރުކޮށް، ޖަލަށް ލިއެވެ. 500 ދުވަސް ވަންދެން ޖަލުގައި ހައްޔަރު ކޮށްގެން ގެންގުޅުމަށް ފަހު ދެ ނޫސްވެރިން މިޔަންމާއިން މިނިވަން ކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ވާ ލޯން އާއި ކިޔާވް ސޯއީ ހައްޔަރު ކުރުމާއެކު އެ ދެމީހުންގެވެސް އަނބިން މަގުތަކަށް ނުކުމެ، އަޑު އުފުލާފައިވާ އިރު، ދެމީހުންވެސް ޖަލުން ނުކުމެ ފުރަތަމަ ކުރި ކަމަކީ އާއިލާއާ ބައްދަލު ކުރުމެވެ. މީޑިއާގެ މިނިވަންކަމަށް އެ ދެ ނޫސްވެރިންވެސް މުހިއްމު ވެފައިވާ އިރު، އެތަކެއް ގައުމުތަަކަކުންވެސް ވަނީ އެމީހުން މިނިވަން ކުރުމަށް ގޮވާފައެވެ. ވަރަށް ބޮޑަށް އަޑު އުފުލާފައެވެ.

"އަހަރެން ބޭނުން ވަނީ ފުރަތަމަވެސް އާއިލާ ބައްދަލުކުރަން. އާއިލާއާ ބައްދަލު ކުރުމަށްފަހު އަހަރެންގެ ނިއުސް ރޫމަށް ދާން ބޭނުންވޭ. ވަރަށް ދުވަސް ވެއްޖެ ނިއުސް ރޫމަށް ނުދާތާ،" ސޯއީ ބުނެފައިވެއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ސްޓޭޓުގެ އިންޑިން އަވަށުގައި މިޔަންމާގެ އަސްކަރިއްޔާ ރޮހިންގެ 10 މީހުން މަރާލި ހާދިސާ ތަހުގީގު ކުރަމުން ދަނިކޮށެވެ.

އެތަހުގީގާ ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އެދެ ނޫސްވެރިންނަށް ލިޔެކިޔުންތަކެއް ދީފައެވެ. ނަމަވެސް ފަހުން އެލިޔެކިޔުންތައް ގެންގުޅުނު ކަމަށް ބުނެ އެމީހުން ހައްޔަރު ކުރީ ފަހުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ފަހުން ވަނީ އިންޑިން އަވަށުގެ ގަތުލުތައް ތަހުގީގުކޮށް، އެމައްސަލާގައި ހަތް ސިފައިންގެ މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.