އިންޑޮނީޝިއާގެ ސުމަޓްރާގެ ޖަލަކުން ސަތޭކައަށްވުރެ ގިނަ ގައިދީން ފިލައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ ގައިދީން ފިލީ، ޖަލުގެ ތެރޭގައި ހިނގި ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން، ޖަލުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ހަމަލާދިނުމަށްފަހު އެވެ.

މި ހާދިސާ ހިނގި ޑިސްޓްރިކްޓުގެ ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން ނޫސްތަކުގައި ބުނެފައިވާގޮތުގައި، އެ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން 115 ގައިދީއަކު ވަނީ ފިލާފައެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު އަތުލައިގަނެ އަލުން ޖަލަށް ގެންގޮސްފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. މި ޖަލަކީ 650 އަށްވުރެ ގިނަ ކުއްވެރިން ބަންދުކޮށްފައިވާ ޖަލެކެވެ.

މިއމަދުގެ ހަމަނުޖެހުންތައް ހިނގީ ޖަލުގެ ތެރޭގައި ގާޑުން، ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހޫނުވެގެންނެވެ. އެއާއެކު ހިނގި ހަމަނުޖެހުންތަކުގައި ބައެއް ގައިދީންނަށް އަނިޔާވެފައި ވާއިރު ޖަލުގެ ގާޑުންނަށްވެސް އަނިޔާވެފައި ވެއެވެ. އޭގެތެރެއިން އެކެއްގެ ގަޔަށް ވަޒަން އަރައިގެންވެސް ފަރުވާދެމުންދާ ކަމަށް ވެއެވެ. މިއަދުގެ ހާދިސާގައި ޖަލުގެ ބައެއް ބައިތަކުގައި ރޯކޮށްލާފައި ވެސް ވެއެވެ.

އިންޑޮނީޝިއާގެ ޖަލުތަކުން މީގެ ކުރިންވެސް ގިނަ އަދަދެއްގެ ގައިދީން ފިލާފައި ވެއެވެ. އޭގެތެރެއިން 2013 ވަނަ އަހަރު ޖަލެއް ފަޅާލައި 150 ގައިދީން ފިލި ހާދިސާއެއް ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ފިލާފައިވާ ގައިދީންގެ ތެރެއިން އަދިވެސް ބައެއް މީހުން އަތުލައިގަނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމްރާން

    އިސްލާމީ އުއްމަތު ފުނޑި މިދަނީ ހުޅަގަށް ތަބާވެ ވާގިވެރިވާތީ، ދިވެހިންގެ ތެރޭއޮތް ސަގާފަތެއް ކުށްވެރިކުރުން، މުޖުތަމައުގަ ހުރި ނުރަގަޅު އާދަ ފިލާނީ މައާފް ކުރުމާއި މައާފް ދިނުން އޮވެގެން.
    ރާއްޖޭގައި ކުށްވެރިވެ ޖަލަށްލާފައިތިބި މީހުންނަށް އަފްވާމެއް ދޭން މަޖްލިސްއިން ރައީސަށް ބާރުދޭންވީ. އިންސާނުން ޖަލަށްލާ ގޮޅިތަކުގައި ބަންދުކޮށްގެން ގެންގުޅޭ ސަރުކާރުތައް ދެމި ނޮއޮވޭ. ރާއްޖޭގައި އެންމެ އަނިޔާވެރި ވެރިންތިބީ. އެހާރާއި މިހާރުގެ ތަފާތެއް ނެތް. ޖަލުގައި ޑުރަގޭ ކިޔާ ލާއިންސާނީ ހުކުމްގައި ތިބި ޒުވާން ދަރިން ދޫކޮށްލާ.