(ޣައްޒާ، ފަލަސްތީން) އިސްރާއީލުން ހިސޯރުކޮށްފައި އޮންނަ ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދިނުން ހަމަސް ދުވަހަށް ހުއްޓާލުމަށް އިސްރާއީލުން ހަަމާސް ޖަމާޢަތާއި އެކު އެއްބަސްވެއްޖެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

ނަމަވެސް ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުގެ އޮފިޝަލުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ހަމަލާ ދިނުން ހުއްޓާލުމުގެ އާއެއްބަސްވުމެއް ހާމަސް ޖަމާޢާތާއި އިސްރާއީލާއި ދެމެދު ގާއިމް ކުރެވިފައެއް ނުވެއެވެ.

"އަލަށް އެއްބަސްވުމެއް އެކުލަވާލެވިފައެއް ނުވޭ. ޣައްޒާ އަށް ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮންނަނީ އިސްރާއީލުން އެފަދަ އެއްބަސްވުމެއް ބާއްވަން ބޭނުންވާނަމަ. އެފަދަ އެއްބަސްވުމެއްގެ ކަންތައްތައް ހަމާސް އާއި އެކު މަޝްވަރާ ކުރެވިފައެއް ނުވޭ." ހަމާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން މިރޭ ބުނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ނުދިނުމަށް ހަމާސް ޖަމާޢަތުން އެއްބަސްވުން ޣައްޒާގެ ބޯޑަރާއި 300 ކިލޯމީޓަރު ފަހަތައް އިސްރާއީލް ސިފައިން ޖެއްސުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެއްޗާއި އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދޭން ވެސް އިސްރާއީލުން ނިންމާފައިވާ ކަމަށެވެ.

ޣައްޒާ އަށް ހަމަލާ ދިނުން ހަމަސް ދުވަހަށް ހުއްޓާލަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނާއިރު ރަމަޟާން މަސް ފެށުނު ފަހުން ވެސް އިސްރާއީލުން ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ.

ރަމަޟާން މަހު އިސްރާއީލުން ޣައްޒާ އަށް ދޭން ފެށި ހަމަލާތައް ހުއްޓާލި އިރު ޣައްޒާގެ 25 މީހަކު ވަނީ ޝަހީދުވެފައެވެ. ރަމަޟާން މަހު ދޭން ފެށި ހަމަލާތައް ހުއްޓާލީ މިސްރާއި ޤަތަރު މެދުވެރިއެއްގެ ރޯލް އަދާކޮށްގެން އެކުލަވާލީ އެއްބަސްވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަބާ

    އަލްހަމްދުﷲ

    7
    1
  2. ޟާން

    އީރާނާ ހަނގުރާމަކުރަން ކުޑަ ދުވަސްކޮޅކަށް މަޑު ޖައްސާލީ. ޔަހޫދީން ވާނީ ޔަހޫދީންނަށް، މުސްލިމުންނަށް ދުވަހަކު ހެވެއް ނޭދޭނެ

    23
    1