އިންޑޮނޭޝިއާގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި އެގައުމުގެ ރައީސް ކަމަށް ޖޯކޯ ވިޑޯޑޯ ދެވަނަ ފަހަރަށް އިންތިހާބުވުމާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަށް ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަގޭހާއި ބާރުގެ ބޭނުން ކޮށްފިއެވެ.

އިންތިހާބަށް ފަހު އިދިކޮޅު ފަރާތްތަކުން އިންޑޮނޭޝިއާގައި މުޒާހަރާ ކުރަނީ ރިޔާސީ ރޭހުގައި މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެއެވެ. ޖޯކޯ އާއި ވާދަ ކުރި އިދިކޮޅު ކެންޑިޑޭޓް ޕްރަބޮވޯ ސުބިއަންޓޯ ދަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތަކުރާރުކޮށް ބުނުމުނެވެ. އޭނާގެ ކެމްޕެއިން ޓީމުން ވަނީ ރަސްމީ ނަތީޖާ ވެސް ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.

އިންޑޮނޭޝިއާގެ ފުލުހުނާއި ސިފައިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ގައުމުގައި ހަނުޖެހުން ހިންގަން އުޅޭ އެއްވެސް ބަޔަކަށް އެކަން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ.

މިދިޔަ މަހު ބޭއްވި އިންތިހާބުގެ 55.5 އިންސައްތަ ވޯޓު ކާމިޔާބު ކުރެއްވީ ވިޑޯޑޯ އެވެ. އަދި އިދިކޮޅު ޕްރަބޮވޯއަށް ލިބުނީ 44.5 އިންސައްތަ ވޯޓެވެ.

2014 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕްރަބޮވޯ، ވިޑޯޑޯއާ ވާދަ ކުރެއްވި އެވެ. އަދި އިންތިހާބުން ނާކާމިޔާބުވުމުން ކޯޓަށް ވަޑައިގަތް ނަމަވެސް، ކޯޓުން ނިންމީ ނަތީޖާ ސައްހަ ކަމަށެވެ.

އިންޑޮނޭޝިއާގައި ބޭއްވި ރިޔާސީ އިންތިހާބު ތެރޭ މާބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވަރުބަލިކަމާ ގުޅުން ހުރި ބަލިތަކުގައި އިލެކްޝަން ކޮމިޝސނުގެ 272 އޮފިޝަލުން ވަނީ މަރުވެފައެވެ. އަދި އޮފިޝަލުން މަރުވި އަސްލު ސަބަބު ބެލުމަށް އިންޑޮނޭޝިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.