ސުލްހަައިގެ އުއްމީދު އާވެފައިވާ ދެކޮރެއާގެ މައްސަލަ އަށް އިތުރު ހަމަޖެހުން ގެނުވާނެ ކަމަށް ބެލެވޭ ދެކޮރެއާގެ މަޝްވަރާތައް މިހަފްތާގައި ފަށަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ މަޝްވަރާތައް އޮންނާނީ ދެގައުމު ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ޕަންމުންޖޮން ގައެވެ.

މާޗް މަހުގެ 29 ވަނަ ދުވަހު ބާއްވާ މިމަޝްވަރާތަކަށް ދައުވަތު ދީފައި ވަނީ އުތުރު ކޮރެއާ އިންނެވެ. މަޝްވަރާތަކުގައި ކޮންމެ ގައުމަކުން ވެސް އިސް ތިން މަންދޫބަކު ބައިވެރިވާނެއެވެ.

މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ޕަންމުންޖޮން ސަރަހައްދަކީ ދެކޮރެއާގެ މެދުގައި 1953 ވަނަ އަހަރު ކުރެވުނު ކޮރެއާ ހަނގުރާމަ ނިމުމަކަށް ގެންނަން މަޝްވަރާތައް ވެސް ކުރި ސަރަހައްދެވެ. އެހަނގުރާމަ އަށް ފަހު ޕަންމުންޖޮން އޮންނަނީ އެއްވެސް ގައުމެއްގެ ސަރުކާރު ބާރު ނުހިނގާ ގޮތަށެވެ. ޕަންމުންޖޮން އޮންނަނީ މިހާރު އދ.ގެ ބާރުގެ ދަށުގައެވެ.

މިހަފްތާގައި ދެކޮރެއާގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގެ އެންމެ ބޮޑު މަޤުޞަދަކީ އޭޕްރިލް މަހު ދެކޮރެއާގެ ދެމެދުގައި މަޝްވަރާ ކުރުމަށް ހާއްސަ ސަމިޓެއް ބޭއްވުމަށް އެއްބަސްވުމަކަށް އައުމެވެ. އޭޕްރިލް މަހު ދެކޮރެއާގެ ދެމެދުގައި ސަމިޓެއް ބޭއްވިޖެއްނަމަ އެކަން ވެގެން ދާނީ 2000 ވަނަ އަހަރަށް ފަހު ބާއްވާ މިފަދަ ތިން ވަނަ ސަމިޓަށެވެ.

ދެކޮރެއާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރަން 2000 ވަނަ އަހަރު ވެސް އަދި 2007 ވަނަ އަހަރު ވެސް ސަމިޓެއް ބޭއްވިއެވެ. ނަމަވެސް މާއެދެވޭ ނަތީޖާތަކެއް އެސަމިޓްތަކުން ނެރެވިފައެއް ނުވެއެވެ.

ދެންމެ ދެންމެ ދެކޮރެއާގެ ދެމެދުގައި ހަނގުރާމައެއް ފެށިގެން ހިނގައިދާނެހެން ހީވެފައި ވަނިކޮށް ފެބްރުއަރީ މަހު ބޭއްވި ވިންޓާ އޮލިމްޕިކްސް އަށް ފަހު ދެކޮރެއާގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ދެކުނު ކޮރެއާގައި އޮތް ވިންޓާ އޮލިމްޕިކްސް އަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދައްތަ ކިމް ޔޯ ޖޮން ވެސް ވަޑައިގެންނެވިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައްދަލުކުރައްވަން މިހާރު ވަނީ ހަމަޖެހިފައެވެ.