އެންމެ ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާއިން އިނގިރޭސިވިލާތަށް ނުހުއްޓައި ކުރެވޭ 17 ގަޑިއިރުގެ ދިގު ދަތުރު ކަންޓަސް އެއާލައިންގެ މަތިންދާބޯޓަކުން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

14،498 ކިލޯމީޓަރުގެ ދިގު އެ ދަތުރަށް މުޅިއަކު 17 ގަޑިއިރު ހޭދަވެގެންދިޔައިރު އެއީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ދެމެދުގައި މަތިންދާބޯޓެއް ހުއްޓާނުލައި ސީދާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކަންޓަސްއިން އެ ދަތުރަށް ބޭނުންކޮށްފައިވަނީ ބޯއިންގް 9-787 ޑްރީމްލައިނާރގެ މަތިންދާބޯޓެކެވެ. އެއީ ބޯއިންގް 747އަށްވުރެ ދެ ގުނަ މަދުން ތެޔޮ ބޭނުންކުރާ މަތިންދާބޯޓެއްކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ދަތުރުގެ ފަހަތުގައި ތިބި ކަންޓަސްގެ އިސްވެރިން ވަނީ އޮސްޓްރޭލިއާގެ ޕާރތްއިން ލަންޑަންއަށް ކަޑައްތު ކުރެވުނު އެ ދަތުރަކީ މަތިންދާބޯޓުގެ އިންޑަސްޓްރީގެ ކަންކަން މުޅިން ބަދަލުކޮށްލާވަރުގެ ދަތުރެއްކަމަށާއި އަދި އެއީ އިންޑަސްޓްރީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އަލަށް ކަނޑައެޅިގެންދިޔަ ފްލައިޓް ރޫޓްގެ ސަބަބުން އޮސްޓްރޭލިއާއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭކަމަށް އުންމީދުކުރާކަމަށް ހާމަކޮށްފައެވެ. އެ ފްލައިޓްގައި ދަތުރުކުރި ބައެއް ފަސެންޖަރުން ވަނީ އެ މީހުން ފްލައިޓް މަތީގައި ކުރާ ކަންކަމާއި ނިދުމުގެ އާދަތަކާއި ބެހޭގޮތުން އެ ފްލައިޓް މަތީގައި ޔުނިވާރސިޓީ އޮފް ސިޑްނީއިން ކުރިއަށްގެންދިޔަ ދިރާސާއެއްގައިވެސް ބައިވެރިވެފައެވެ.

މަތިންދާބޯޓުގެ އިންޑަސްޓްރީގައި 1940ގެ އަހަރުތަކުގައި އޮސްޓްރޭލިއާއިން އިނގިރޭސިވިލާތަށް ދަތުރުކުރުމަށްޓަކައި މުޅިއަކު 4 ދުވަސް ހޭދަވެގެންދެއެވެ. އެ ދަތުރު މަތީގައި އޮސްޓްރޭލިއާއިން ފުރުމަށްފަހު އިނގިރޭސިވިލާތަށް ދެވެނީ ސިންގަޕޫރު، އިންޑިޔާ، ޕާކިސްތާނު، މިސްރު އަދި ލިބިޔާއަށްވެސް ޖެއްސުމަށްފަހުއެވެ.