މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑުވެ ނިރުބަވެރިކަމާއި ގުޅުންހުރި ކަންކަން ހިނގަމުންދަނީ އިސްރާއިލް އިން ފަލަސްތީނުގެ މުސްލިމުންނާއި މެދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ކަމަށާއި، މެދުއިރުމަތީގެ ހަޤީޤީ ނިރުބަވެރިންނަކީ އިސްރާއިލްގެ ޔަހޫދީން ކަމަށް، މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހާލަތާއި މެދު ކަންބޮޑުވުނ ފާޅުކުރައްވަމުން ހަމާސްގެ އިސް އޮފިޝަލުންތަކަކާއި އެކު މި ނިމުނު މޭއި މަހު މެލޭޝިއާގައި ހުންނަ ފަލަސްތީނުގެ ކަލްޗަރަލް އޯގަނައިޒޭޝަންގައި ބޭއްވި ރޯދަ ވީއްލުމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަހާތިރު ވިދާޅުވީ، ފަލަސްތީނުގެ ހަމަޖެހުމަކީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ވެސް ގުޅިފައި އޮތް ކަމެއް ކަމަށާއި، އެޤައުމަށް ހަމަޖެހުން ގެނެވިއްޖެ ނަމަ ދުނިޔެއަށްވެސް ބޮޑު ހަމަޖެހުމެއް އަންނާނެ ކަމަށެވެ.

މަހާތިރު ވިދާޅުވީ، މެލޭޝިއާ އޮތީ ފަލަސްތީނުގެ މުސްލިމުންނާއި އެކު ކަމަށާއި، މުސްލިމުންގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއިލްގެ އިސޫލުތަކާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ތިބި ތިބުމަށް މެލޭޝިއާއިން ވެސް ތާޢީދުކުރާ ކަމަށެވެ. އަދި އިސްރާއީލުން މިހާރު ކުރަމުންދާ މަސައްކަތަކީ "ސްޓޭޓް ޓެރެރިޒަމް" ޕްރޮމޯޓް ކުރުން ކަމަށާއި، އެކަމުގެ ސަބަބުން ދުނިޔެ ފަސާދަވެގެން ހިނގައިދިއުމުގެ ފުރުސަތު އޮތް ކަމަށްވެސް މަހާތިރު ވިދާޅުވިއެވެ.

މެލޭޝިއާ އަކީ ފަލަސްތީނުގައި އިސްރާއިލް އިން ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އަބަދުވެސް އަޑު އުފުލާނެ ޤައުމެއް ކަމަށާއި، އިސްރާއީލާއި ދެކޮޅަށް ބަސް ބުނުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް މަހާތިރު ވިދާޅުވިއެވެ. މަހާތިރު ވަނީ، ފަލަސްތީނުގެ ހާލަތު މިއަދަށްވުރެ ރަނގަޅުކޮށް އެޤައުމަށް ހަމަޖެހުމާއި އަމާންކަން ގެނައުމުގައި ބައިނަލްއަޤުވާމީ ދުނިޔޭގެ ޒިންމާއެއް އޮތްކަން ޤައުމުތަކަށް ހަނދާންކޮށްދެއްވާފައެވެ.

މަހާތިރާއެކު ބޭއްވި ބައްދަލުވުމުގައި ޣައްޒާގެ މުސްލިމުންގެ ހައްޤުގައި ހަނގުރާމަކުރާ ހަމާސް ޖަމާޢަތުގެ އިސް އޮފިޝަލުން ވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީން، ފަލަސްތީނުގެ ބިން ފޭރިގަނެ އަދިވެސް އިތުރު ބިންތައް ފޭރެން ކުރާ މަސައްކަތްތަކާއި އެކު މުސްލިމުންނަށް ކެނޑިނޭޅި ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް މެލޭޝިއާގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ.

މި ބައްދަލުވުމުގައި ހަމާސްގެ ޗެއާޕާސަން، ޚާލިދު މީޝާލް ހިމެނިވަޑައިގަންނަވާ ގޮތަށް ހަމާސްގެ އަށް ލީޑަރަކު ބައިވެރިވެވަޑައިގަތެވެ. މެލޭޝިއާގެ ޕުތްރަޖަޔާ ސިޓީގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ހަމާސްގެ ލީޑަރުން ވަނީ ޣައްޒާ އާއި ފަލަސްތީނުގެ އާންމު ރައްޔިތުން އުޅެމުންދާ ނުރައްކާތެރި އަދި ބިރުވެރި ހާލަތު މަހާތިރަށް ކިޔައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިވެހި ފޭރާން

    މައުމޫނު އަބްދުލް ގައްޔޫމް ތިޔަކަމާ މަހާތިރުއާ ކުރިން އޮތް ގުޅުން ކަނޑާނެ، މުޖައްރިބް!

    10
    1
  2. ޖަހާންގީރު

    މިހިރަ ފެންނަނީ ޙަޤީޤީ މުސްލިމް ލީޑަރުން ( ސަޢުދީ ރަސްކަމަށް ހަލާކު ހުރި )

    21
  3. ވިސްނަމާ

    މިއީ ނޫންތޯ ލީޑަރުންނަކީ..ކޮންފަދަ މިނިވަނކަމާއި އެކު ހަޤީގަތް ހާމަކޮށްލީ

    21
  4. އަހުމަދު

    ކޮން ލީޑަރެއް...ތީ ހަމަ ބުނެލާ ބުނެލުމެއް...އުރުދުގާންވެސް ތިހެންކިޔާ....ތިހެން ކިޔަކިޔަ ތިބެނީ އެންމެން ޖެޓުތަކާއި، ބަޑިތަކާއި، މިސައިލުތައް ރަށުގައި ބަހައްޓައިގެން .......

    2
    4