ލަންކަގެ މުސްލިމް ބައެއް މިނިސްޓަރުން މަޤާމުން ދުރުކުރުމަށް ކަމަށް ބުނެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށި އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުކަން އަދާކުރާ ބުދިސްޓުންގެ އިސް ހާމުދުރު، އަތުރަލިޔެ ރަތަނާ ތެރޯ، އޭނާ ކުރަމުން ދިޔަ ހަޅުތާލު ނިންމާލުމަށްފަހު "ބަނޑު ފުރާލައިފި"އެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުގައި ތެރޯ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ އެ ހަޅުތާލު ކުރިޔަށްގެންދިޔައީ، ލަންކާގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް، ރިޝާދު ބަތީއުއްދީނާއި، އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރު ހިޒްބުﷲ އާއި، ހުޅަނގު ޕްރޮވިންސްގެ ގަވަރުނަރު އަޒަތް ސަލީ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އެދުވަހު ހަޅުތާލު ފަށައިގަންނަމުން އޭނާ ބުނެފައި ވަނީ، މަރުވިޔަސް، ބޭނުންވާ ކަންތައް ފުރިހަމަ ނުވަނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

މުސްލިމް ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ލަންކާގައި ބުދިސްޓުން ޚާއްސަ ކެމްޕެއިންތައް ކުރަމުން ދަނިކޮށް ތެރޯ ފެށި ހަޅުތާލު ކުރިޔަށް ގެންދިޔައީ ލަންކާގެ ކެންޑީގައެވެ. އެ ހަޅުތާލަށްފަހު އެއް ދުވަސް ފަހުން އޭނާ އޮތީ އެނދުމަތިވެ ހާލު ދެރަވެފައެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ވެސް އެތަނަށް ގޮސް އޭނާގެ ހާލު ބަލާފައި ވެއެވެ. އަދި އޭނާއަށް ތަބާވާ ބުދިސްޓުންނާއި އިސް ފާދިރީން އޭނާގެ ގާތަށް ޒިޔާރަތްކޮށް ހިތާމަފާޅުކޮށްފައި ވެއެވެ.

އިއްޔެ ތިއޯ އޭނާގެ ހަޅުތާލު ނިންމާލައި ބަނޑު ފުރާލީ، ލަންކާގެ ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވަން ނިންމިކަމުގެ ޚަބަރު އޭނާއަށް ލިބުމުންނެވެ. ލިޔުމުން އެ ޚަބަރު އޭނާއަށް ފޯރުކޮށްދީފައި ވަނީ ބުދިސްޓުންގެ އިސް ސިޔާސީ ފަރާތްތަކުންނެވެ. އެ ޚަބަރާއެކު އޭނާ އާއި އެކު ތިބި ބުދިސްޓުން ވަނީ އުފާ ފާޅުކޮށް މަގުތަކަށް ނިކުމެފައެވެ. މިނިސްޓަރުން މަޤާމުތަކުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާނު ކުރެއްވި ނަމަވެސް އަދި ރަސްމީކޮށް މަޤާމުތައް ދޫކޮށްލާފައެއް ނުވެއެވެ.

ލަންކާގެ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވަން ނިންމާފައި ވަނީ، އެޤައުމުގައި ދާދިފަހުން ދިން ނިރުބަވެރި ހަމަލާތަކުގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އަޅުވައި އެކަމާއި ގުޅިގެން އެޤައުމުގައި މުސްލިމުންނަށް ތަފާތު އެކި ދަތިކުރުންތައް ކުރިމަތިކުރަމުން ދަނިކޮށެވެ. އިސްތިއުފާ ދެއްވަން ނިންމެވި މިނިސްޓަރުން ވިދާޅުވެފައި ވަނީ، އެގޮތަށް ނިންމެވީ މަސްލަހަތު އިސްކޮށް މުސްލިމުންނަށް ނުހައްޤުން ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، މިހާރު އެޤައުމުގައި މުސްލިމުންނަށް ރައްދުވާ ގޮތަށް ފަތުރަމުންދާ ހަޤީޤަތެއްނެތް ވާހަކަތައް ހުއްޓުމާއި ހަމައަށް މަޤާމުތައް އަލުން ބޭނުން ނުވާ ކަމަށްވެސް އެ މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ހަމަލާތަކާއި ގުޅިގެން އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކަމެއް ސާބިތުވެއްޖެ ނަމަ އެންމެ ހަރުކަށި ފިޔަވަޅު އެފަރާތްތަކާއި މެދު އެޅުމަށްވެސް ތާޢީދުކުރާ ކަމަށް އެ މިނިސްޓަރުން ވިދާޅުވެފައި ވެއެވެ.

މާރިޗު މަހު ލަންކާގެ އަށް ތަނެއްގައި ބޮން ގޮއްވައިގެން ދިން ހަމަލާގެ ތުހުމަތުތައް މުސްލިމުންނަށް ކުރެވެން ފެށީ، އެ ހަމަލާގެ ޒިންމާ، މުސްލިމުންގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުމާއި ލޭއޮހޮރުވުން ހިންގާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިން އުފުލުމާއި ގުޅިގެންނެވެ. އައިސިސް އިން އެ ހަމަލާތައް ދިނުމަށް ލަންކާގައި މެދުވެރި ކުރުވީ، އެ ޖަމާޢަތަށް ސަނާކިޔާ އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ބައެއް މީހުންނެވެ.

މާރިޗު މަހުގެ 21 ވަނަ ދުވަހު އަށް ތަނެއްގައި ގޮއްވާލުންތަކެއް ގޮއްވައިގެން ދިން އެ ހަމަލާގައި ތުއްތު ކުދިންނާއި އަންހެނުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި 500 އަށްވުރެ ގިނަ މީހުން މި ހަމަލާގައި ޒަޚަމްވެފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް މި ސަރަޙައްދުގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. މި ހަމަލާ އާއި ގުޅިގެން ލަންކާއިން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އިސްތިއުފާގެ ވާހަކަ ނުދައްކާ ތިގޮލާ އަމިއްލަޔަށް މަރުވަންދެން ބާއްވާލިނަމަ ރަނގަޅުވީހީ..

    121
    1
  2. ރިހާކުރުކުޑޭ

    ބަނޑުތެރެއަށް ހިލައިންހަދާފައޮތް ބުދެއްލައިގެންބާ ބަނޑުފުރާލީ ؟

    77
    2
  3. މާމިގިލީ މީހާ

    މިކަލޭގެ މަރުވާދެއް ބޭއްވި ނަމަ. ކޮންމެހެން މިނިސްޓަރު ތައް ނުޖެހޭ އިސްތިއުފާ ދޭކަށް. މަ ނަމަ ވެސް ނުދިނީމުސް.

    92
    1
  4. ފުޅިއަކަށް

    މާދަމާ ބުނެފާނެ މުޅިދުނިޔެ އެއްކޮށް ފުޅިއަކަށް އަޅާފަ ތިމަންނަގެ އަތަށް ގެނެސްދޭށޭ. އެހެން ނޫނީ މަރުވިޔަސް ހެވޭ، ނުކާނަމޯ.

    73
    1
    • ކަމްބަޅި

      ލަންކާގެބޮޑުވަޒީރުކަން ނުދީފިއްޔާ ތިމަންނަދުވަހަކުވެސްނުކާނަމޭ ބުނެފިއްޔާ ރަނިލްޖެހޭނެތާ އެގޮނޑީގަތިގޮލާބާއްވަން.. ލަންކާގެ ސުޕަހީރޯއެއްދަރަޖަ ތިގޮލައަށްދޭނެތާ..

      57
      1
  5. ބައްޅަ

    ތިއެއްޗަކު މަރެއް ނުވިތަ

    24
    1
  6. ހުސެން

    ދިރި އުޅުމުގެ ބޭނުން ނޭގޭ މީހަކު މަރުވިޔަސް ހެޔޮކަމަށް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ، ހަމައިގަ ތިބޭމީހުން އެތަންފެނި ހަމްދަރުދީވާނެ.

    20
  7. ބޯގޯސް

    އިސްތިއުފާނުދިންނަމަ 2 ދުވަސްފަހުން ރަނގަޅު ކާއެއްޗެހި ލިބޭނެ

    10
  8. ވަޖާޏިސްތަ

    ދިވެހިން ލަންކާ ބޮއިކޮޓު ކެރަންވީ މިހެންވެގެން!!!!!

    12
  9. ނަމަ

    ނަސީބެންނު ތިކަލޭގެ މުސްލިމުންގެ މަސްރޮލާކައި ބަނޑު ނުފުރިކަން