އިކުއެޑޯއިން އެގައުމުގެ ޖަޒީރާއެއް އަސްކަރީ މަރުކަޒެއް އަޅަން އެމެރިކާއަށް ދީފިކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އިކުއެޑޯގެ ޑިފެންސް މިނިސްޓަރާއި ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިކުއެޑޯގެ ޖަޒީރާއެއް ކަމަށްވާ ގަލަޕަގޯސް އަައިލެންޑްސް ވަނީ އެމެރިކާގެ ވައިގެ އަސްކަރިޔާ އިން ބޭނުން ކުރަން އެމެރިކާ ސަރުކާރުން ދީފައެވެ.

ގަލަޕަގޯސް އަައިލެންޑްސް އަކީ 35000 މީހުންގެ އާބާދީ އެއް ހިމެނޭ 21 ރަށުގެ މައްޗަށް ހިމެނޭ ޖަޒީރާރަށްތަކުގެ ތެރެއިން ރަށެކެވެ.

އިކުއެޑޯގެ ޑިފެންސް މިނިސްޓަރ ބުނި ގޮތުގައި މި ޖަޒީރާގެ ހިމެނޭ ސެން ކްރިސްޓަބަލް އެއާޕޯޓް އެމެރިކާގެ އަސްކަރީޔާގެ ބޭނުމަށް ދޭން ނިންމީ ޑްރަގް ޓްރެފިކް ކުރުން ހުއްޓުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަން ތަކަށެވެ.

އިކުއެޑޯއިން އެގައުމުގެ ޖަޒީރާއެއް އަސްކަރީ މަރުކަޒެއް އަޅަން އެމެރިކާއަށް ދީފި ކަމަށް ދެކެވޭ ވާހަކަތަށް އެމެރިކާއިން ވަނީ ދޮގުކޮށްފައެވެ. އެމެރިކާއިން ބުނީ އިކުއެޑޯ ސަރުކާރާއި އެކު އެކަހަލަ އެއްވެސް މަޝްވަރާއެއް އަދި ކޮށްފައި ނުވާކަމަށެވެ.

އެމެރިކާ އަކީ ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި އެގައުމުގެ އަސްކަރީ ބޭސް ތަކާއި މަރުކަޒުތަށް ގާއިމު ކޮށްފައިވާ މުޅި ދުނިޔެއަށް ވެރިކަން ކުރަމުންދާ ގައުމެކެވެ. އެގޮތުން ދުނިޔޭގެ 70 ގައުމެއްގައި އެމެރިކާގެ 800 އަށް ވުރެން ގިނަ އަސްކަރީ ބޭސް ތަށް ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިކުއެޑޯގެ ޖަޒީރާއެއް ކަމަށްވާ ގަލަޕަގޯސް އަައިލެންޑްސް އެމެރިކާގެ އަސްކަރީ ބޭނުމަށް ދޭން ނިންމާފައިވާ ވާހަކަ އާއި އެކު އެގައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ނުތަނަވަސްކަން ފާޅު ކުރަމުންނެވެ. އިކުއެޑޯގެ ގާނޫން ބުނާ ގޮތުގައި ބޭރުގެ އަސްކަރީ ބޭހެއް އެގައުމުގެ ފަސްގަނޑުގައި ގާއިމު ކުރުމަކީ މަނާ ކަމެވެ.