އޭލިއަނުންނާއި ދުނިޔެއަށް ތިރިކުރާ ކަމަށް ބުނާ ގޮތްނޭނގޭ އުޅަނދުތައް ނުވަތަ ޔޫއެފްއޯގެ ވާހަކަތަކަކީ ވަރަށް ޝައުގުވެރި ވާހަކަތަކެކެވެ. ނަމަވެސް އޭލިއަނުން ހަމަ ހަޤީޤަތުގައި ވެސް އުޅޭކަމާއި، ޔޫއެފްއޯތައް ހަޤީޤަތުގައި ވެސް ދުނިޔެއަށް އަންނަ ކަމަށް ދެކެވޭ ވާހަކަތައް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އޭލިއަނުން މިކާއިނާތުގައި އުޅޭކަން އިންސާނުންނަށް އެނގިފައި އޮތްނަމަ އެކަން އެނގިފައި އޮންނާނެ އެއް ގައުމަކީ އެމެރިކާ ކަމަށް ވަރަށް ގިނަ މީހުން ގަބޫލު ކުރެއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން ގެންދަނީ އޭލިއަނުންނާއި، ޔޫއެފްއޯގެ މައުލޫމާތު ސިއްރު ކުރަމުންނެވެ.

ނަމަވެސް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބާނީ ސެންޑާސް މިވަނީ އޭނާ އަށް ރައީސްކަން ލިބިއްޖެނަމަ އެމެރިކާ ސަރުކާރުގައި އޭލިއަނުންނާއި އަދި ޔޫއެފްއޯ އާއި ބެހޭ ސިއްރު މައުލޫމާތެއް އޮތްނަމަ އެކަން ހާމަ ކުރާނެ ކަމަށް ވައުދުވެފައެވެ.

ބާނީ ބުނީ އެފަދަ މައުލޫމާތެއް ރައްޔިތުންނަށް ސިއްރު ކުރުމުގެ ސިޔާސަތެއް އޭނާ ނުގެންގުޅޭނެ ކަމަށާއި ރައީސް ކަމަށް އާދެވިގެން އެމައުލޫމާތު އޭނާ އަށް ލިބުމާއި އެކު އާއްމުންނަށް އެމައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓްތައް ދައްކާ ގޮތުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް އެންމެ ވާދަކުރާ އެއް ބޭފުޅަކީ ބާނީ އެވެ.

އޭލިއަނުންގެ މައުލޫމާތެއް އޮތްނަމަ ހާމަކުރާނެ ކަމަށް ބާނީ ވިދާޅުވި ނަމަވެސް އެމެރިކާގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާގެ ސަލާމަތީ ބާރުތަކުން އެގައުމުގެ ސިއްރުތައް ހާމަކުރުމުގެ ފުރުސަތު ރައީސް ކަމުގައި ހުންނަ ބޭފުޅަކަށް ވެސް ނުދޭނެއެވެ. އެހެންކަމުން ބާނީ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އަނެއްކާ ވަނީ އިތުރު ބަހުސްތަކެއް ފެށިފައެވެ.