ހޮންކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެއާޕޯޓް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ނަމަވެސް އަދިވެސް އެތައް ފްލައިޓެއް ކެންސަލް ކުރަން ޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް ހޮންކޮންގްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހޮންކޮންގް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. އިއްޔެ އެކަނިވެސް އެއާޕޯޓަށް ދަތުރު ކުރަން ހަމަޖެހިފައި އޮތް 300 އަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފައެވެ.

މުޒާހަރާތައް ވަރުގަދަވެ، ހޮންކޮންގް ހުއްޓުމަކަށް އައިސްފައި ވަނިކޮށް އިއްޔެ ހޮންކޮންގްގެ ލީޑަރު ކެރީ ލެމް ވިދާޅުވީ މިނިވަންކަމުގެ ނަމުގައި ޤާނޫނުތައް ފުނޑާލުމުގެ ސަބަބުން ހޮންކޮންގްއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަންނަން ވަރަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.

ހޮންކޮންގް އަކީ ވަރަށް ގިނަ ފްލައިޓްތައް ޓްރާންސިޓް ކުރާ މައި ހަބެކެވެ. ހޮންކޮންގް އަށް ކުރަން އޮންނަ ދަތުރުތައް ކެންސަލް ކުރަން ޖެހުމުން އެކަމުގެ ސީދާ އަސަރު ވައިގެ ދަތުރުފަތުރަށާއި، ވިޔަފާރިތަކަށާއި، ފަތުރުވެރިކަމަށް ވެސް ކުރާނެއެވެ.

ހޮންކޮންގްގައި މީގެ ދިހަ ހަފްތާ ކުރިން މުޒާހަރާތައް ފެށީ ކުށްވެރިން ޗައިނާ އާއި ހަވާލު ކުރެވޭ ގޮތައް ޤާނޫނެއް ފާސްކުރަން އުޅޭތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. މުޒާހަރާތައް ހޫނުވުމުން އެޤާނޫނު ފާސްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން މިހާރު ވަނީ ނިންމާފައެވެ.

މިހާރު މުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލަމުން ގެންދަނީ ހޮންކޮންގަށް ޑިމޮކްރަޓިކް ބަދަލުތަކެއް ގެނެސް ޗީފް އެގްޒެކެޓިފް ކެރީ ލެމް މަގާމުން އިސްތިއުފާދީ، މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް މިނިވަން ފަރާތަކުން ތަޙްޤީޤު ކުރުމަށެވެ.

މުޒާހަރާތައް ހުއްޓުވަން ޗައިނާ އިން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވެސް މިހާރު ވަނީ ގަދަވެފައެވެ. އެހެންކަމުން އަދިވެސް ހޮންކޮންގެ މަސްރަހަށް އަވަހަށް ހައްލެއް އައިސްދާނެ ކަމަކަށް ނުބެލެވެއެވެ.