ހޮންގް ކޮންގްގެ މަޝްހޫރު މޮޑެލް އަދި މީސްމީޑިއާ އިންފްލުއެންސަރެއް ކަމަށްވާ އުމުރުން 28 އަހަރުގެ އެބީ ޗޮއި ގެއްލިފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން، ޓައި ޕޯ ޑިސްޓްރިކްޓްގައި ހުރި ގެއެއްގައި ހުރި ފްރިޖެއްގެ ތެރޭން ވަނީ ބުރިބުރި ކޮށްފައިވާ އެބީގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައެވެ. އެ ގޭގައި ކަރަންޓް ކީހަކާއި، މަސް ކޮށާ އާލާތަކާއި، އަދި ބައެއް އަންނައުނު ހުރި ކަމަށް އިދާރާތަކުން މައުލޫމާތު ދީފައި ވެއެވެ.

ނަމަވެސް އެބީގެ ބޮލާއި، ހަށިގަނޑުގެ މަތީ ބަޔާއި، ދެ އަތް ފުލުހުންނަށް އެ ފްރިޖުން ފެނިފައެއް ނުވެއެވެ.

މިހާރު ފުލުހުންނަށް ވަނީ އެ ގޭގައި ހުރި ބޮޑު ދެ ސޫޕް ތެލީގެ ތެރެއިން އެއް ތެލިން އެބީގެ ބޯ ފެނިފައެވެ. އެ ތެލިތަކުގައި ސޫޕާއި، އިންސާނާގެ ހަށިގަނޑުގެ ކުދި ކުދިވެފައިވާ ބައިތައް ހުރި ކަމަށްވެސް ނިއު ޔޯކް ޕޯސްޓުން ރިޕޯޓް ކޮށްފައި ވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންގެ ސްޕްރިންޓެންޑެންޓް އެލަން ޗަންގް ވިދާޅުވެފައި ވަނީ އެ ބޮލުގައި އެއްވެސް ހަންކޮޅެއްވެސް އަދި މަސްކޮޅެއްވެސް ނެތް ކަމަށެވެ. އަދި ބޯ އޮތީ، ކެރެޓް ފަދަ ތަރުކާރީތަކާއި އެކު ސޫޕް ގަނޑުގެ ތެރޭގައި ކަމަށް ވެސް އެލަން ވަނީ ވިދާޅުވެފައެވެ.

" މުޅި ތެލި ފުރެންދެން އޭގައި ދިޔާ އެއްޗެހި ހުރި. އަދި މަތީގައި ސަރުބީ ތައް ހުރީ ޖެލީހެން ގަނޑުވެފައި. އަދި އޭގައި ވަރަށް ގިނައިން ސޫޕަށް އާންމުކޮށް އަޅައި ތަފާތު ބާވަތުގެ އެއްޗެހިވެސް ހުރި. އަހަރެން ހަނދާންވޭ ކެރެޓާއި، ފެހި ރެޑިޝް ހުރިކަން. އަދި އޭގައި ކުދިކުދިކޮށްފައިވާ މަސްވެސް ހުރި، އަހަރެން ގަބޫލުކުރަނީ އެއީ އިންސާނެއްގެ މަސް ކަމަށް. ބޮލާއި ބެހޭ ގޮތުން - ހަގީގަތުގައި އެއީ ކަށްބޮލެއް، އޭގައި ހަމެއްވެސް، މަހެއްވެސް ނެތް. އެހެންކަމުން އެއީ އިންތަށިގަނޑު ލާފައި އޮތް ކަށްބޮލެއް." ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލަން ވިދާޅުވެފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ އެބީ އަށް ހަމަލާދީފައިވާ ކާރެއްގެ ތެރޭގައި ކަމަށާއި، އަދި އެގޭ ތެރެއަށް އޭނާ ގެންދެވުނު އިރު އޭނާގެ ހެއެއް ނެތް ކަމަށެވެ. ކަށްބޮލުގެ ފޮރެންސިކް ޓެސްޓުތަކުން ވަނީ ބޮލުގެ ފަހަތުގައި ލޯވަޅެއް ހުރިތަން ފެނިފައެވެ.

މި އަނިޔާވެރި މަރުގެ މައްސަލައިގައި ހޮންގްކޮންގް ގެ ފުލުހުން ވަނީ މިހާރު 4 މީހުން ހައްޔަރު ކޮށްފައެވެ. އެބީ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެބީ ގެ ކުރީގެ ފިރިމީހާ އާއި، ފިރިމީހާ ގެ ބައްޕަ އާއި، ބޭބެ އެވެ. އަދި ހެކި ނައްތާލާ ތަހުގީގުގެ މިސްރާބު އަނބުރާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، އެބީގެ ކުރީގެ މައިދައިތަވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އެބީ އާއި އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ އާއިލާ އާއި ދޭތެރޭގައި، އެތައް މިލިއަން ހޮންގްކޮންގް ޑޮލަރެއްގެ މުދަލާއި ގުޅިގެން ދެބަސްވުންތަކެއް އުފެދިފައިވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު 4 މީހުން ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި އެމީހުން ކަފާލާތުގެ ދަށުން ދޫނުކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލު ކުރެވިފައިވަނީ މޭ 8 އަށެވެ.

އެބީ އަކީ "އެލް"، ވޯގް"، އަދި "ހާޕާސް ބާޒާރް" މަޖައްލާތަކުންވެސް ފެނިގެން ގޮސްފައިވާ މަޝްހޫރު މޮޑެލް އެކެވެ.