ހޮންގްކޮންގްގައި ހަދަމުން ދިޔަ އުސް އިމާރާތެއްގައި އަލިފާން ރޯވެ، އަނދާ އަޅިއަށް ވެއްޖެއެވެ.

މި އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އަލިފާން ރޯވެފައި ވަނީ ހޮންގްކޮންގްގެ ތާރީހީ ޝޮޕިން އެންޑް ޓޫރިސްޓް ޑިސްޓްރިކްޓްގެ މެދުގައި ހަދަމުން ދިޔަ އުސް އިމާރާތެއްގައެވެ.

މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ބީބީސީން ބުނެފައި ވެއެވެ.

އެ އިމާރާތުގައި އަލިފާން ރޯވުމަށްފަހު، އެ އިމާރާތުގެ ވަށައިގެން ކަޅުވެފައިވާ ކޮންކްރީޓް ފާރުތަކާއި ތާރުގަނޑުގެ ފަޅައިގެން ގޮސްފައިވާ ބައިތައް ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ. މުނިސިޕަލް މަސައްކަތްތެރިން މަގުތައް ކުނިކަހާ ސާފު ކޮށްފައިވާ ކަމަަށްވެސް ބުނެފައި ވެއެވެ.

އޮފިޝަލުން ވިދާޅުވީ އެ ސިޓީގެ ހާބަރުފްރަންޓްގައި ހުންނަ ޓްސިމް ޝާ ސުއީގައި ރޯވި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވިތާ ނުވަ ގަޑިއިރު ފަހުން ވަރަށް ބޮޑަށް ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ފުލުހުން އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ އަލިފާން ކަންޏާއި، އަދި ރޯވެފައި ހުރި އެއްޗެހި ބިންމައްޗަށް ވެއްޓުމުގެ ސަބަބުން ކައިރީގައި ތިބި މީހުން ދިރިއުޅޭ ބްލޮކްތަކުގެ 170 މީހުން ރައްކާތެރި ހިސާބަކަށް ގެންދިޔަ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އަލިފާންގަނޑު ފެނިފައި ވަނީ ރޭ އިމާރާތުގެ އެންމެ މަތީގައި ހުރި ސްކެފޯޑިން ކައިރިންނެވެ. އަލިފާން ގަނޑު ރޯވަމުންދާ މަންޒަރު ބަނދަރުމަތިން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށްވެސް ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.