މާސްކު އެޅުން މަޖުބޫރު ކުރިތާ 945 ދުވަސް ފަހުން، ހޮންކޮންގް އިން މާސްކު އެޅުން މަޖުބޫރު ކުރުމުގެ ގަވާއިދު އުވާލަން ނިންމައިފިއެވެ.

އެގޮތުން މާދަމާ އިން ފެށިގެން، މާސްކު އެޅުން މަޖުބޫރު ކުރާ ގަވާއިދު އުވާލާނެ ކަމަށް ހޮންކޮންގް ގެ ޗީފް އެކްޒެކެޓިވް ޖޯން ލީ ވަނީ ވިދާޅުވެފައެވެ.

ބަލިމަޑުކަމުގެ ބޮޑު ބައެއްގައި ހޮންކޮންގް އިންވެސް ދިޔައީ ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތު ތަންފީޒު ކުރަމުންނެވެ. ނަމަވެސް ހޮންކޮންގް އިން ވަނީ މިދިޔަ އަހަރު، އެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފައެވެ.

ހޮންކޮންގް އިން އުންމީދު ކުރަނީ ކޮވިޑް ގެ ފިޔަވަޅުތައް އުވާލުމުން، އަނެއްކާވެސް ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަމަށެވެ.

"އަހަރެމެން ގަބޫލު ކުރަނީ މިއީ މި ނިންމުން ނިންމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް. މިއީ ހޮންކޮންގް ގައި އާންމު ދިރިއުޅުމެއް ފެށިއްޖެ ކަން ދައްކުވައިދޭ ސާފު މެސެޖެއް." ލީ ވިދާޅުވިއެވެ.

ލީ ވިދާޅުވީ ހޮސްޕިޓަލުތައް ފަދަ ހިރާސް ބޮޑު ތަންތަނުގައި މުވައްޒަފުންނާއި، ޒިޔާރަތް ކުރާ މީހުން މާސްކު އަޅަން ޖެހޭނެތޯ ނޫންތޯ ނިންމާނީ އެތަންތަނުން އަމިއްލަ އަށް ކަމަށެވެ.

ހޮންކޮންގް އަކީ އާންމު ހުރިހާ ތަނެއްގައި ހެން މާސްކު އެޅުން އަދިވެސް މަޖުބޫރު ކޮށްފައިވާ އެންމެ ފަހު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމުގައި އާންމު ހުރިހާ ތަނެއްގައި، އެތެރެއާއި ބޭރުގަވެސް، ދެ އަހަރުން މަތީގެ ހުރިހާ އެންމެން މާސްކު އެޅުން މަޖުބޫރެވެ. އަދި މާސްކު ނާޅާނަމަ، 10000 ހޮންކޮންގް ޑޮލަރު (1275 އެމެރިކާ ޑޮލަރު) ން ޖޫރިމަނާ ކުރެއެވެ.

ނަމަވެސް މާދަމާއިން ފެށިގެން އެތެރެއާއި ބޭރުގައި، އަދި އާންމު ދަތުރުފަތުރުގައިވެސް މާސްކު އަޅަން ނުޖެހޭނެ ކަމަށް ލީ ވިދާޅުވެފައިވެއެވެ.

ހޮންކޮންގް އިން މާސްކު އެޅުމުގެ ގަވާއިދަށް ލުއި ދީފައި މި ވަނީ އަވައްޓެރި މަކާއު އިން ވެސް، މިދިޔަ ހަފްތާގެ ހޯމަދުވަހު މާސްކު ގެ ގަވާއިދަށް ލުއި ދިނުމަށް ފަހުގައެވެ.

ޗައިނާގެ މައި ބިމުގައި މިހާރު ބޭރުގައި އުޅޭ އިރު މާސްކު އަޅާކަށް ނުޖެހެއެވެ. ނަމަވެސް އެއާޕޯޓު ތަކުގައި އާއި، ސްޓޭޝަންތައް ފަދަ އެތެރޭގެ އާންމު ތަންތަނުގައި މާސްކު އަޅަން އިދާރާތަކުން އަދިވެސް ބާރުއަޅައެވެ.

ބައިނަލް އަގުވާމީ ފަތުރުވެރިން ހޯދުމަށް ހޮންކޮންގް އިން މި މަހުގެ ކުރީކޮޅު ވަނީ "ހެލޯ ހޮންކޮންގް" ކިޔާ ޕްރޮމޯޝަނަލް ކެމްޕޭނެއްވެސް ފަށާފައެވެ. ކޮވިޑްގެ ސަބަބުން ހޮންކޮންގް ގެ އިގުތިޞާދަށްވެސް ވަނީ ވަރަށް ނޭދެވޭ އަސަރު ކޮށްފައެވެ.