ހޮންކޮންގުގެ ކަސްޓަމްސް އިން 1.8 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިއީ އެ ގައުމުން މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. އެ ގައުމުން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތުއެންފެޓަމިންއެވެ.

މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 140 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެއެވެ.

ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން މި މަހުގެ 23 ވަނަ ދުވަހު އަތުލައިގެން މި މަސްތުވާތަކެތި ހުރީ ހޮންކޮންގަށް ކަނޑުގެ މަގުން އައި ކާގޯ ޝިޕްމެންޓެއްގައެވެ. އެތަކެތި ހުރީ ކުރުނބާ ފެން ކަމަށް ލޭބަލްކޮށްފައި ހުރި ފުޅިތަކެއްގައި ބަންދުކޮށްފައެވެ. މި ޝިޕްމެންޓްގައި ހުރި 7700 ފުޅީގެ ތެރެއިން މަސްތުވާތަކެތި ހުރީ 1800 ފުޅީގައެވެ.

އިދާރަތަކުން މިކަން މިހާރު ތަހުގީގުކުރަމުންދާ އިރު އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ޝިޕްމެންޓަކީ ހޮންކޮންގް މަގުން އޮސްޓްރޭލިއާއަށް ގެންދާ ޝިޕްމެންޓެކެވެ.

އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ އަގު އޮސްޓްރޭލިއާގައި އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެއެވެ.

މި މުދާތައް ބަލާފައިވަނީ މެކްސިކޯއިން އާންމުކޮށް އަންނަ ކުރުނބާ ފެން ޝިޕްމެންޓަކާ ބަލާފައި މި ޝިޕްމެންޓް އާދަޔާ ޚިލާފަށް ބޮޑުވުމުން ޝައްކު އުފެދިގެންނެވެ.

މިއީ ފާއިތުވި ދެހަފްތާ ތެރޭގައި މެކްސިކޯއިން އޮސްޓްރޭލިއާއަށް ގެންދާ މުދާތަކުގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެން މިފަދަ ދެވަނަ ފަހަރެވެ. މިމަހުގެ ކުރީކޮޅުވެސް ވަނީ މެކްސިކޯއިން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ކަރަންޓު ޓްރާންސްފޯމަރު ޝިޕްމެންޓަކުން 5.9 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.