އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ފިރިހެނަކު، އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރަމުންދާތާ ދެ އަހަރު ފަހުން ދަރިފުޅު މަރާލައިފިއެވެ.

އިންޑިއާ ފުލުހުން ބުނީ، މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި، އެ ފިރިހެން މީހާ އޭނާގެ ދަރިފުޅު އެތައް ފަހަރަކު ރޭޕްކޮށްފައިވާ ކަމަށާއި، އޭނާ ރޭޕް ކުރުމަށްފަހު މަރާލާފައި ވަނީ ޖުލައި 26 ވަނަ ދުވަހު ކަމަށެެވެ.

ދަރިފުޅު މަރާލުމަށްފަހު، ދަރިފުޅުގެ ބޯ އުރްވާ ސަރަހައްދުގައި ވަޅުލިއިރު، ހަށިގަނޑުގެ އަނެއް ބައި އެއްލާލީ ކާނުގަނޑު ތެރެއަށެވެ. މި ހުރިހާ މައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށްފައި ވަނީ އޭނާގެ ބޮޑު އަންހެން ދަރިފުޅެވެ.

އަދި މިހާރު އެ ފިރިިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ފުލުހުން ބުނީ، އަމިއްލަ ދަރިފުޅު މަރާލި މީހާ ކައިރިން މައުލޫމާތުތައް އޮޅުން ފިލުވުމުގެ ތެރޭގައި، އޭނާ ދަރިފުޅު ރޭޕް ކުރި ކަމަށާއި، މަރާލި ކަމަށްވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެ ފިރިހެން މީހާގެ އަނބިމީހާ ވަނީ މީގެ 15 އަހަރު ކުރިން މަރުވެފައެވެ. އަދި އޭނާގެ ބޮޑު އަންހެން ދަރިފުޅު ވަނީ 2015 ވަނަ އަަހަރުގެ ތެރޭގައި ކައިވެނިކޮށްފައެވެ. އޭގެފަހުން ފިރިހެން މީހާ ދިރިއުޅެމުން ދިޔައީ މަރާލި އަންހެން ދަރިފުޅާއިއެކުގައެވެ.

އަދި އެ ފިރިހެން މީހާ އޭނާގެ ދަރިފުޅު މަރާލިކަން އެނގުނީ، އޭނާގެ ބޮޑު އަންހެން ދަރިފުޅު ކައިރިއަށް، ކޮއްކޮ ނާންނާތީ އެކަމާ ބައްޕައާއި ސުވާލު ކުރުމުން ކޮއްކޮ މަރާލި ކަމަށް އެއްބަސްވުމުންނެވެ.

ފުލުހުންނަށް ވަނީ އެ އަންހެން މީހާގެ ހަށިގަނޑުގެ ބައިތައް ހޯދާފައެވެ.