ކަޝްމީރުގައި ކުރިޔަށްދިޔަ ހަމަނުޖެހުންތަކާއި އެކު ސްކޫލުތަށް ހުޅުވިނަމަވެސް ދަރިވަރުން ގެއިން ނުނިކުންނަ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ސްކޫލުތަކުން ކިޔަވައިދޭން ފެށިކަމުގައި ވިޔަސް ކިޔަވަން ސްކޫލަށް ގޮސްފައިވަނީ މަދު އަދަދެއްގެ ދަރިވަރުންނެވެ.

ދަރިވަރުންގެ ބެލެނެވެރިން ބުނާ ގޮތުގައި ސްކޫލުތަށް ހުޅުވުނު ނަމަވެސް ކުދިންގެ ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެ ކުދިން ސްކޫލްތަކަށް ތަކަށް ނުފޮނުވާނެ ކަމަށެވެ. ކަޝްމީރުގައި 200 އަށް ވުރެ ގިނަ ސްކޫލު ހުރެއެވެ.

ކަޝްމީރުގައި ކިޔަވައިދޭންފަށައިފައި ވަނީ ހަމައެކަނި ސަރުކާރު ސްކޫލު ތަކުގައެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދޭން ފެށި ކަމުގައި ވިޔަސް އަމިއްލަ ސްކޫލުތަކުގެ ކިޔެވުން އަދިވެސް ނުފަށާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެެެެއެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

އިންޑިއާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލެއްގެ ސަބަބުން ކަޝްމީރުގެ ބިން އިންޑިއާގެ އެންމެނަށް ގަނެވޭގޮތް ހެދުމުން އިންޑިއާ އިން ކޮންޓްރޯލްކުރާ ކަޝްމީރުގައި އަންނަނީ މުޒާހަރާކުރަމުންނެވެ.

މުޒާހަރާތަކުގައި 4000 މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ވަނީ ކަޝްމީރުގައި މުއާސަލާތީ ހިދުމަތްތައްވެސް ކަނޑާލައި އެއްވެ އުޅުން ވެސް މަނާކޮށްފައެވެ.

ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތް ކުރަމުންނެވެ.

ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ހާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް އިންޑިއާއިން ދަނީ ގަދަ ބަސް ބުނަމުންނެވެ.