އިންޑިއާއިން ކަޝްމީރުގެ "ޖައްމޫ އެންޑް ކަޝްމީރު"ގެ ސަރަހައްދު އެ ގައުމުގެ ބާރުގެ ދަށަށް ގެންދިޔަ ދުވަސް ކަމަށްވާ އޮކްޓޫބަރު 27 ވަނަ ދުވަސް ނުވަތަ ކަޝްމީރު މީހުން ފާހަގަކުރާ "ކަޝްމީރު ބްލެކް ޑޭ" ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނުން ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނުން ބުނީ "ކަޝްމީރު ބްލެޑް ޑޭ" ފާހަގަކުރަނީ އިންޑިއާއިން ކަޝްމީރު އިސްތިއުމާރުކޮށް އަދި ކަޝްމީރު މީހުން އަމިއްލައަށް އެ މީހުން ބޭނުންވާ ގޮތަށް ގައުމުގެ މިނިވަންކަމުގެ މައްސަލަ ނިންމުމުގެ ފުރުސަތު ނުދޭތީ ކަމަށެވެ.

އެ ދުވަސް ފާހަގަކޮށް ޕާކިސްތާނުގެ ހައި ކޮމިޝަނަރު އާތިރު މުޚުތާރު ވަނީ ތާާރީހުގައި ކަޝްމީރުގެ ކަންކަން ހިނގާދިޔަ ކަންކަން ފާހަގަކޮށް އިންޑިއާއިން ކަޝްމީރުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

އޭނާ ވިދާޅުވީ ކަޝްމީރުގެ މައްސަލައަށް ސުލްހަ ގެނެވޭނީ ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް ގޮތް ނިންމުމުގެ ފުރުސަތު ދީގެން ކަމަށެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނުން ބުނީ އެ ގައުމުން އޮންނާނީ އަބަދުވެސް ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި އަދި އަބަދުވެސް ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތާއިދު ކުރާނެ ކަމަށެެވެ.

މީގެ ކުރިން އިންޑިއާއިން ޖައްމޫ އަދި ކަޝްމީރަށް އޮތީ އަމިއްލަ "އޯޓޯނަމީ" ދީފަ އެވެ. އާޓިކަލް 370 ގެ ދަށުން ކަޝްމީރަށް ދީފައި އޮތް އިމްތިޔާޒްތައް އުވާލީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދެވަނަ ވެރިކަން ފެށުނު ފަހުން ނެވެ.

އޭގެ ފަހުން ކަޝްމީރު ހިންގަނީ ސީދާ މައި ސަރުކާރުގެ ބެލުމުގެ ދަށުން ނެވެ. އަދި ކަޝްމީރުގައި ހިންދޫން ވަޒަންވެރިކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް ކަޝްމީރުގެ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް ދަނީ ދެކޮޅު ހަދަމުން ނެވެ.