ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމު ކުރުމާ ގުޅޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި ދެ ގައުމުން ގެންގުޅޭ އެއް ކަހަލަ ގަބޫލު ކުރުންތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

އަދި ދެބޭފުޅުން ވަނީ ދެ ގައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަޤާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވިއެވެ. ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެ ގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާލަތު އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސްއާ ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.

ރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.