ކަޝްމީރު މައްސަލައަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސަމާލުކަން ނުލިބި އެ މައްސަލައަށް ޙައްލެއް ނުހޯދިއްޖެ ނަމަ ފެށިގެންދާނީ މުޅި ދުނިޔެއަށް އަސަރުކުރާނެ ވަރުގެ ނިއުކްލިއާ ހަނގުރާމައެއް ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ނިއުޔޯކް ޓައިމްސްގައި ލިޔުއްވާފައިވާ ލިޔުމެއްގައި، ކަޝްމީރު މައްސަލަ އާއި ގުޅޭގޮތުން އިމްރާން ޚާން ވިދާޅުވީ، މަޤާމާއި ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނެސް ސުލްޙަވެރި ޙައްލެއް ހޯދޭތޯ ގިނަ މަސައްކަތްތައް ކުރެއްވި ކަމަށެވެ. ނަމަވެސް އިންޑިއާއިން ސުލްޙައަށް މާބޮޑު އަހަންމިއްޔަތުކަމެއް މިހާތަނަށްވެސް ދީފައި ނުވާ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ޕާކިސްތާނަށް ހަމަލާދިނުމަށް އެއާފޯސްގެ ފައިޓަރ ޖެޓުތައް ޕާކިސްތާނަށް ފޮނުވައި ހަމަލާ ދިން ކަމަށާއި، އެއިން ޖެޓެއް ވައްޓާލައި އޭގެ ޕައިލެޓް ހިފެހެއްޓުމަށްފަހުވެސް ދޫކޮށްލީ، ދެޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމެއްގެ ތެރެއިން ފުރާނައެއް ގެއްލިދިޔަ ނުދިނުމަށް ބަހައްޓަވާ އަހަންމިއްޔަތުކަމެއްގެ ސަބަބުން ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. ހަމަ އެހެންމެ ހިފެހެއްޓި ޕައިލެޓަށް އިހުސާންތެރިވެ އޭނާ ދޫކޮށްލުމަށް ނިންމި ނިންމުމަކީ ދެޤައުމުގެ ދެމެދުގައި ނިއުކްލިއާ ހަނގުރާމައެއް ފަށަން ބޭނުން ނުވާކަން އިންޑިއާއަށް ހާމަކޮށްދިނުމަށް ނިންމި ނިންމެވުމެއް ކަމަށްވެސް އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ޚާން ވިދާޅުވީ، އިންޑިއާ އިން އެޤައުމުގެ ނިއުކްލިއާ ސިޔާސަތާއި ޚިލާދުވެ އިސްވެ ޕާކިސްތާނަށް ޙަމަލާ ދީފައިވާ ކަމަށެވެ. އެހެންކަމުން އިންޑިއާގެ އަމަލުތައް ހުއްޓުވުމުގައި ދުނިޔެގެ ބޮޑެތި ބާރުތަކުގެ އެއްބާރުލުން ނުލިބިއްޖެނަމަ ކަޝްމީރު މައްސަލަ ބަދަލުވެގެންދާނީ މުޅި ދުނިޔެއަށް އަސަރުކުރާ ވަރުގެ ނިއުކްލިއާ ހަނގުރާމައަކަށް ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ޕާކިސްތާނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެޤައުމުން ވަނީ ބައިނަލްއަޤުވާމި ކޯޓަށް ދެ ފަހަރެއްގެ މަތިން މައްސަލަ ހުށަހަޅާފައެވެ. އަދި އދ. އާއި ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގެ ސަމާލުކަމަށްވެސް މި މައްސަލަ ޕާކިސްތާނުން ގެންގޮސްފައި ވެއެވެ. ނަމަވެސް މި މަސައްކަތަސް މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުލިބުމުން، އިންޑިއާގެ ޖަރީމާތައް އިތުރަށް ވަރުގަދަ ކުރުމުގެ ހިއްވަރު އެޤައުމަށް ވަނީ ލިބިގެން ގޮސްފައެވެ.

އިންޑިއާގެ ސަރުކާރުން ކަޝްމީރުގައި ހިންގަމުން އަންނަ ޖަރީމާތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މުޅި ދުނިޔެ ދަނީ އިންޑިއާ އިން ކުރާ ކަންތަކަށް ކަޅި އަޅަމުންކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ސިފައިންގެ ކަރުނަ ގޭހާއި ޕެލެޓް ބަޑި ތަކުން ރައްޔިތުންނަށް ހަމަލާ ދޭއިރު، އެ މީހުން ރައްދު ދެނީ ގާ އުކުމުންނެވެ.

ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތަކާއި އެކު އިންޑިއާ ދިފާއުކޮށް އެންމެ ފުރަތަމަ ތެދުވި ގައުމު ތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ. އިންޑިއާއިން މި ނިންމުން ނިންމުމުގެ ކުރިން އެމެރިކާގެ ބަހެއް ވެސް ނުހޯދާ ކަމަށް އެގައުމުން ބުނަމުންދާއިރު ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ މޯދީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދަން އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަރޫބޭ

    މާދަން އޮތީ އަހަރުމެން.....

    26
    1
  2. މޮޔައެނޮނިމަސް

    ޕާކިސްތާނު އިނޑިޔާ މީ މޮޔަމީހުންގެ ތަނެއް

    3
    5
  3. ކާސިމްބެ

    ރަނގަޅު ޕާކިސްތާނުގައިބާރުހުރިވަރު އިންޑިޔާއައްވެސް އަންގަންޖެހޭނެ އިންޑިޔާބޭނުންވާހާގޮތަކައް ޕާކިސްތާނާދޭތެރޭ ކަންތައްކުރެވިގެން ނުވާނެ ޕާކިސްތާނަކީވެސް މިނިވަން މުސްތަޤިއްލު ޤައުމެއް

    11
  4. ޖަހާންގީރު

    ނީލަކޯރުން ފެށިގެން ގޮސް ފުރާތުކޯރާއި ހަމައަށް އޮތް ހުރިހައި ތަނަކީ ދި ގްރޭޓަރ އިޒްރާއީލް ކަމަށް އެމީހުން އަމިއްލެއަށް ލިޔުނު ތަލްމޫދް ގަ އޮންނައޮތުން ޙަޤީގަތަކަށް ހެދުމަށް ޓަކައި ބޮޑު ހަނގުރާމައެއް ފަށަން ޖެހޭ އެކަން ކުރެވެންއޮތީ މޮޔަ މޯދީ ލައްވާ އެކަން އެ ކުރަނީ އެ ހަނގުރާމައިގެ ފަހުން ދުނިޔޭގެ ސުޕަރ ޕަވަރ އަކަށް ވާނީ އިޒްރޭލް