ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އިމްރާން ހާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު 100،000 ރުޕީސްއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އިތުރު ހަ މަސް ޖަލުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. މިހުކުމާއެކު އިމްރާން ހާން ވަނީ ހައްޔަރުކޮށްފައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ޕާކިސްތާންގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި އިމްރާން ހާންއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައި ވަނީ އެ ގައުމުގެ އިންތިހާބާ ބެހޭ އިދާރާ އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ވެރިކަމުގައި ހުންނެވިއިރު އެކި ގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގު ބޮޑެތި ތަކެތި، ރަޖިސްޓަރީ ނުކޮށް، އެ ތަކެތި ވިއްކައިގެން ވިޔަފާރީގެ ނަފާ ހޯއްދެވުމުގެ ދައުވާއެވެ. ނަމަވެސް، މި ދައުވާ އަށް އިމްރާން އިންކާރު ކުރައްވައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ވަކިކޮށްފައި ވަނީ، ހުސްވި 2022 ވަނަ އަހަރު އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކަށް ފަހުއެވެ. އަދި، އެއަށްފަހު ޕާކިސްތާނުގެ ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލާފައެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިންތިޚާބު އަވަސްކޮށް، އަލުން ވެރިކަމަށް ވަޑައިގަންނަވާށެވެ. އަދި، މި ކަމަށް ބާރުއެޅުމުގެ ގޮތުން އޭނާގެ ޕާކިސްތާން ތަހްރީކުއް-އިންސާފް (ޕީ.ޓީ.އައި) ޕާޓީން ދަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުންނެވެ.

މިދިޔަ މެއި މަހު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އިމްރާން ހައްޔަރުކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އިމްރާން، 70، އެންމެ ފަހުން ހައްޔަރުކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން މިދިޔަ ހަފްތާ އަންގާރަ ދުވަހުއެވެ.

އޭނާ ހައްޔަރުކުރުމާ އެކު އޭނާގެ އެތައް ހާސް ސަޕޯޓަރުން ވަނީ އަސްކަރިއްޔާގެ މައި މަރުކަޒު ހިމެނޭ ގޮތަށް އެތައް އިމާރާތެއްގައި ހަމަލާދީ އަލިފާން ރޯކޮށްލައިފައެވެ. މުޅި އެ ގައުމުގައި އެކި ސަރަހައްދުތަކުގައި ހިނގި މިފަދަ ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެފައިވެއެވެ.

އިމްރާން މަގާމުން ދުރުކުރި ފަހުން އެކި މުއައްސަސާތަކާއި ކޯޓުތަކުގައި ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އޭގެ ތެރޭގައި ކޮރަޕްޝަނާއި ގުޅުން ހުރި ދައުވާތައްވެސް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާ ސީ ނު

    ސޭހު ޢިމުރާނު ހުންނަން ޖެހޭނީ ކިތައް އަހަރު

    8
    1
  2. އއ

    މުސްލިމުންނޭ ކިޔާ މުނާފިގު ގައުމެއް.