ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ފަސް އަހަރަށް ސަރުކާރު މަގާމުގައި ހުންނެވުން އެގައުމުގެ އިންތިހާބީ އިދާރާތަކުން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ ކޮރަޕްޝަންގެ ކުށް ސާބިތުވެ އިމްރާން ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިތާ ތިން ދުވަސް ފަހުންނެވެ.

އިމްރާން ޚާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް ޕާކިސްތާނު ސަރުކާރުން އެކަން ދޮގު ކުރެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު މަރިޔަމް އޯރަންގްޒޭބް މިކަން އިއުލާނު ކުރުމުގެ ކުރިން ބީބީސީއަށް ވިދާޅުވީ ގާނޫނީ ގޮތުން ކުރާ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. މިއީ ސިޔާސީ ކަންކަމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހޮވިވަޑައިގެންނެވި ނަމަވެސް، މިދިޔަ އަހަރު ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ އިތުބާރު ނެތްކަމުގެ ވޯޓަކުން އިމްރާން މަގާމުން ވަނީ މަގާމުން ދުރުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ހުކުމަކީ ބޭރުގެ އިއްޒަތްތެރިންގެ ހަދިޔާއާއި އެ ތަކެތި ވިއްކައިގެން ލިބުނު ކަމަށް ބުނާ ފައިސާގެ ތަފްސީލްތައް ގޯސްކޮށް ހާމަކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާއެކެވެ.

އިމްރާން ހާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު 100،000 ރުޕީސްއިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ އިތުރު ހަ މަސް ޖަލުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ. މިހުކުމާއެކު އިމްރާން ހާން ވަނީ ހައްޔަރުކޮށްފައެވެ.

އިމްރާން ފަސް އަހަރަށް އެއްވެސް އިންތިހާބެއްގައި ވާދަނުކުރެއްވޭ ގޮތަށް ހަމަޖެއްސުމަކީ ކުށްވެރިވި ހުކުމާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގެ ގާނޫނުތައް ބުނާ ގޮތުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މުއްދަތަކަށް ކުށް ސާބިތުވެފައިވާ މީހަކަށް އާންމު މަގާމަށް ކުރިމަތި ނުލެވޭނެއެވެ.

އޭނާގެ ވަކީލުންގެ ޓީމުން ވަނީ ކުށް ސާބިތުވި ހުކުމް އިސްތިއުނާފުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު އިސްލާމްއާބާދު ހައި ކޯޓުގައި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާށިބޯ

    ޟަހީދް އަރްޟަދު ޟަރީފްގެ ރިޕޯޓުތައް ބަލާލީމަ މާ ކުރިން ލަންޑަނުގަ ނަވާޒް ޟަރީފް އާއި މިހާރުގެ މިލިޓަރީ ކޮމާނޑަރ އާސިމް މުނީރު؛ އިމްރާންޚާންގެ ދުވަސް ދުއްވާލަން ހެދި ޕުލޭން ލީކުވެ ފަޅާ އަރުވާލީމަ އޭނާ އަނިޔާވެރިގޮތަކަށް ޟަހީދުކޮއްލީ. އަދި ޟަހީދް އަރްޟަދު ޟަރީފް މިކަމާ ގުޅޭގޮތުން ހާމަކުރި ހުރިހާ ކަމެއް ވަމުންދަނީ ލަންޑަން ޕުލޭނާ އެއްގޮތަށް. ބޭނުމަކީ އިމްރާންޚާންގެ ޕޮޕިއުލާރިޓީ ދުއްވާލާ، އިންތިޚާބު ތަކުގަ ބައިވެރި ނުވެވޭނެ ގޮތްހެދުން. އިމްރާޚާން މަރާލާގެންވެސް އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ. މިކަމުގަ އުޅެނީ ޕާކިސްތާނުގެ މުޅިދައުލަތް ލޫޓުވާލާގެން ބިލިއަނަރުންވެފަ ތިބި ޟަރީފް ފެމިލީ، ޒަރުދާރީ ފެމިލީ، ކޮރައްޕްޓު ޕާކިސްތާން މިލިޓަރީ އިސްޓެބުލިޟްމެންޓު، އަދި އެމީހުނާ ގުޅިފަ ތިބި ޕާޓީތައް. އިމްރާން ޚާން ޒިންދާބާދް!

  2. އއ

    ނަމުން އިސްލާމް ދިވެހިރާއްޖޭގެ ވެސް ހަލާކަކީ ނަމުން އިސްލާމް.