ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުން އަންނަ މެލޭޝިޔާގައި ވައި ނުސާފުވެ، ދުން ބޯވުމުގެ ސަބަބުން އެ ގައުމުގެ އެކި ކަންކޮޅުތަކުން 1200 ވަރަކަށް ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

މެލޭޝިޔާ އަށް ދުމުގެ އަސަރު ކޮށްފައި މިވަނީ އެ ގައުމާއި އަވަށްޓެރި އިންޑޮނޭޝިއާގެ ޖަންގައްޏެއްގައި އަލިފާނުގެ ހާދިޘާ އެއް ހިނގުމުންނެވެ. ކޮންމެ އަހަރަކުވެސް އެ ޖަންގަލީގައި ގުދުރަތީ ގޮތުން ރޯވި ނަމަވެސް، މި އަހަރު ބަޔަކު ވަނީ ގަސްތުގައި ރޯ ކޮށްލާފައެވެ. މީގެ އަސަރު މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރާއި އެ ސިޓީ އާއި އިންވެގެން އޮންނަ ބައެއް ހިސާބުތަކަށް ދަނީ ކުރަމުންނެވެ.

އިންޑޮނޭޝިއާ ޖަންގަލީގައި ރޯވެ އަނދާފައި

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މެލޭޝިޔާގެ ގިނަ އަދަދެއްގެ ސްކޫލްތައް ބަންދު ކޮށްފައި ވަނީ ސިއްހަތަށް ނުރައްކާވާ ވަރަށް ދުންގަނޑު ހުރުމުންނެވެ. މެލޭޝިޔާގެ އިތުރުން ސިންގަޕޫރަށްވެސް މިކަމުގެ އަސަރުތައް ކުރަމުން ދާއިރު، މި މަހުގެ 22ވަނަ ދުވަހު އެ ގައުމުގައި ފެށުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން ގްރޯން ޕްރީ މުބާރާތައްވެސް ހުރަސް އެޅޭނޭ ކަމަށް ބެލެވެއެވެ.

އިންޑޮނޭޝިއާގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެ ގައުމުން ކުރަމުން އަންނައިރު، ސެޓަލައިޓް ފޮޓޯތައް ދައްކާ ގޮތުން ތަފާތު 1000 ސަރަހައްދެއްގައި ވަނީ ރޯވެފައެވެ. ދާދި ފަހުން އެމޭޒަން ޖަންގަލީގައި ރޯވުމުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދުނިޔޭގެ ތިމާވެއްޓަށް ކޮށްފައެވެ.