ސްވިޑިންގެ އެންމެ 16 އަހަރުގެ ތިމާވެށީގެ އެކްޓިވިސްޓަކު ދުނިޔޭގެ ލީޑަރުން ކުރިމަތީގައި ޖެހިލުމެއްނެތި ތިމާވެއްޓާއި ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފިއެވެ.

ހޯމަ ދުވަހު އދ.ގެ މޫސުމާބެހޭ ސަމިޓުގައި ވާހަކަ ދައްކަމުން ގްރެޓާ ތުންބާގް ވަނީ ދުނިޔޭގެ ލީޑަރުންނަށް ވަރުގަދަ މެސެޖެއް ރައްދުކޮށްފައެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ގައުމުތަކުގެ ވެރިންގެ ދޯހަޅި ސިޔާސަތުތަކުގެ ސަަބަބުން ބޮޑެތި ވަމުން އަންނަ ޅަކުދިންގެ މުސްތަޤުބަލް ބަނަވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ކަލޭމެންނަށް އޮތީ ކޮން ހައްގެއް! ކަލޭމެން ވަނީ ހުސް ވާހަކަތަކުން އަހަރެންގެ ހުވަފެންތަކާއި، ޅަހަޔާތް އަހަރެން އަތުން ނިގުޅާގެންފައި. އަހަރެމެން މިތިބީ ބަލަން." ތުންބާގް ރޮމުން ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މީހުންތައް އެދަނީ ހިތި އަސަރު ތަހައްމަލު ކުރަމުން. މީހުންތައް މަރުވަމުން ދަނީ. މުޅި ޤުދުރަތީ ނިޒާމް ހަލާކުވަނީ. އަހަރެމެން ކުރިމަތީގައި އޮތީ ގިނަ ދިރުންތަކެއް ނެތިދިޔުމުގެ ބިރު، އެކަމަކުވެސް ކަލޭމެންނަށް ވިސްނެނީ ހަމައެކަނި ފައިސާގެ މަތިން، އަދި އިގްތިސާދީ ދާއިރާ އިން ކުރިއަރައިގެން ދެވޭތޯ ތި ބަލަނީ" ފޯރަމްގެ ބައިވެރިންނަށް ތުންބާގް އޭނާގެ ޝުޢޫރުތައް ހިއްސާކުރިއެވެ.

އަހަރެމެންގެ ތިމާވެއްޓަށް ދިމާވެފައި މިވާ ހާލަތުގެ ސީރިއަސްކަން ކަލޭމެންނަށް އެނގިހުރެ އެކަމަށް ފިޔަވަޅު ނާޅާނަމަ، އެބަޔަކީ ޝައިތާނީ ބައެއް ކަމަށް ތުންބާގް ބުންޏެވެ. ނަމަވެސް އަހަރެން އެކަމަކު އެގޮތަށް ޤަބޫލުކުރަން ބޭނުމެއް ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ތުންބާގްގެ ބާރުގަދަ ސްޕީޗާ އެކު އޭނާ އަށް އދ.ގެ ތަޅުމުގައި ވެސް ވަރަށް ބޮޑަށް ތަރުހީބު ލިބިގެން ދިޔައެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަކާލާތު ކުރާ ލީޑަރުންނާއި ޖަމިއްޔާތަކުން ވެސް ދަނީ ތުންބާގްގެ ވިސްނުންތޫނު ވާހަކަކޮޅަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އެމެރިކާގެ ޑިމޮކްރެޓުން ވަކިން ޙާއްސަކޮށް ތުންބާގްގެ ވާހަކަތަކަށް ވަނީ ތަޢުރީފްކޮށް ވާހަކަ ދައްކާފައެވެ.

އެމެރިކާގެ ރިޔާސީ ރޭހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާނީ ސެންޑާސް ޓުވިޓާގައި ބުނެފައި ވަނީ، "އެންމެ 16 އަހަރުގެ ކުއްޖަކު ލީޑަރުން ކުރިމަތީގައި އެމީހުން ޤަބޫލުކުރަން ބޭނުންނުވާ ވާހަކަތައް ދެއްކީމާ އެއީ ވަރަށް ވާހަކަ. ތަރައްޤީ އޭ ކިޔައިގެން އަހަރެމެންގެ ނާޒުކު ވެށި ހަލާކުވެގެންދާ ފަދަ ކަންކަން ހުއްޓުވަން ޖެހޭ."

ތުންބާގް އދ. ގައި ދެއްކީ އޭނާ އަކީ ޖެހިލުންކުޑަ، ތިމާވެއްޓަށް ވަރަށް ލޯބިކުރާ ކުއްޖެއް ކަމަށް ވަރަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ތުންބާގް ވަނީ އެޓްލާންޓިކް ކަނޑު ހުރަސްކޮށް ތިމާވެއްޓަށް އެއްވެސް ކަހަލަ ވިހަ ގޭހެއް ނުވަތަ ތެލެއް ބޭރުނުކުރާ ޔޮޓެއްގައި މީގެ 3 ހަފްތާ ކުރިން ނިއު ޔޯކަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުވުމުގެ އެތައް ޕްރޮގްރާމެއްގައި ބައިވެރިވެފައެވެ. މުރާސިލުން ޤަބޫލުކުރާ ގޮތުގައި 'ނޯބަލް' ސުލްހައިގެ އެވޯޑަށް މި އަހަރު ތުންބާގް ގެ ނަން އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮޅި

    ޠިޔަޖަލްސާގަ ަ ަ
    އެއްޖިންސުންކައިވެނިކުރުމާއި, ދީނީމިނިޥަންކަން ތިމަންނަމެންވަރަށްއަވަހަށްދޭނަމޭނުބުނެފިއްޔާވެސް
    ރަނގަޅު

    13
    7
  2. ސާލިހް

    ވާހަކަތަކާއި އުދާސްތައް ބަންޑުންކުރުމާއި ބަސްތައް އޮއްސުމާއި، މިފަދަދަ އިބާރާތްތައް ހަމަރީތީތޯ.

    4
    7