ޓުވިޓާގައި ތިބި ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑް ކުރުމުން ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫއެންއިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޓްވިޓާއިން ގިނައަދަދެއްގެ ނޫސްވެރިން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ. މި ސަސްޕެންޝަންގައި ނިއުޔޯކް ޓައިމްސް، ސީއެންއެން އަދި ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިން ހިމެނެއެވެ.

ޓްވިޓާގެ ސްޕޯކްސް ޕާސަން ބުނެފައިވަނީ މި އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ މީހުން ތިބި ތަންތަނުގެ މައުލޫމާތު ވަގުުތުން ގެނެސްދިނުމުގެ ސަބަބުން ކަމަށެވެ.

ޔޫއެންގެ އަންޑަރ ސެކްރެޓަރީ ފޯ ގްލޯބަލް ކޮމިއުނިކޭޝަން ބުނެފައިވަނީ މީޑިއާގެ މިނިވަންކަމަކީ ކުޅޭއެއްޗެއް ނޫންކަމަށާއި، މިނިވަން މީޑިއާއަކީ ޑިމޮކުރެޓިކް މުޖުތަމައުއެއްގެ ބިންގާކަމަށާއި އަދި ދޮގުމައުލޫމާތު ހުއްޓުވުމުގެ ތަޅުދަނޑިކަމަށެވެ. ހުކުރުދުވަހު އީޔޫގެ ކޮމިޝަނަރ ވަނީ ޔޫރަޕްގެ އައު ޑިޖިޓަލް ސާވިސަސް އެކްޓްގެ ދަށުން ޓްވިޓާއަށް ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައެވެ.

ކޮމިޝަނަރ އިތުރަށް ބުނެފައިވަނީ މީޑިއާތަކުގެ މިނިވަންކަމުގެ އިތުރުން ހައްގުތަކަށް އިހުތިރާމް ކުރަން ޖެހޭކަމަށާއި އީލޯން އަށް މިކަމުގެ ހަގީގަތް އެގެން ޖެހޭނެކަމަށެވެ. އީލޯން މި ސަސްޕެންޝަން އާއި ބެހޭގޮތުން ސީދާއެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީލޯން ދާދިފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އަހަންނާއި ބެހޭގޮތުން ކިތަންމެވަރަކަށް ފާޑުކިޔަސް ހެޔޮކަމަށާއި ނަމަވެސް އަހަރެންގެ އާއިލާތިބި ތަންތަނުގެ މައުލޫމާތު ވަގުތުން ގެނެސްދިނުމާއި އަހަރެންގެ އާއިލާ ނުރައްކަލުގެ ތެރެއަށް ހުށައެޅުން ރަނގަޅެއް ނޫން" ކަމަށެވެ.

އީޔޫގެ އައު ޑިޖިޓަލް ސާވިސަސް އެކްޓްގެ ދަށުން މި ގާނޫނާއި ހިލާފުވާ ކޮންމެ ކުންފުންޏެއްގެ މައްޗައް %6 އާއި ހަމައަށް ޖޫރިމަނާ ކުރެވިގެންދާނެ އަދި ބައެއް ވޭދަނަ (ކޭސް) ތަކުގައި އެކުންފުންޏެއްގެ ހިދުމަތް މެދުކަނޑާލުމުގެ ބާރުވެސް އީޔޫއަށް ލިބިގެންވެއެވެ. މިއީ އީލޯން މިގޮތަށް ކަންތައް ކުރި ފުރަތަމަ ފަހަރެއް ނޫންކަން ފާހަކޮށްލަން ޖެހެއެވެ.